ޚަބަރު

އުދަރެސް ބޯޓު އަޑިގޮސް، ދިވެއްސަކު ގެއްލިގެން ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ގޮސް، އޭގެން ދަތުރު ކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު، 2026 އޭޕްރީލް 8ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތިބި ކަމަށާއި އޭގެތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެ ހާދިސާގައި ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެހެންމެ މި ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

 

Ads by Allied Insurance