2028އާ ހަމައަށް ޕީއެންސީގެ ޕީޖީއިން 24 ގަޑިއިރު ނުނިދާ ރައްޔިތުންގެ ހައްގުގައި ބަދަލު ގެނެސްދޭނެ ޔަގީންކަން ރައީސްއަށް އަރުވަން: ޝުޖާއު
2028އާ ހަމައަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓަރީ ގްރޫޕުން 24 ގަޑިއިރު ނުނިދާ ރައްޔިތުންގެ ހައްގުގައި ބަދަލު ގެނެސްދޭން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސްއަށް އަރުވާ ކަމަށް ބާރަށު ދާއިރާގެ މިޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫގެ ޕީއެންސީ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް، އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ކޮންމެ އިންތިޚާބެއްގައި ވެސް ރައްޔިތުންނަށް އެ ރައްޔިތުންގެ ޝުއޫރު ވެރިންނަށާއި އިިދިކޮޅަށް ހާމަކޮށްދެމުން ގެންދާނެ ކަމަށާއި ނިމިދިޔަ އިންތިހާބުން ސަރުކާރަށް ވެސް ފިލާވަޅުތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންގެ ޝުއޫރާ އެއްގޮތަށް ކަމަށެވެ.
"ރައްޔިތުންގެ އިހުސާސްތަކާއި ވިންދާާއި އެއްގޮތަށް ވެރިކަން ކުރަމުން ގެންދާ ލީޑަރެއް ރައީސް މުޢިއްޒުއަކީ، ރައީސްއަށް ރައްޔިތުން ދިން މެސެޖަކީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ރައްޔިތުންގެ ތާއިދު އެބަ އޮތޭ." ބާރަށު ދާއިރާގެ މިޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ގާނޫނުގެ ތެރެއިން ރައީސް ގެންނަން ބޭނުންފުޅުވާ ސިޔާސަތެއް ގެނައުމަށް ރައީސަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ރައީސްއާ އެކު ތިއްބެވިކަމަށް މެންބަރު ވިދާޅުވިއެވެ. އަދި މީގެކުރިން އިންތިޚާބުތަކުން ބަލިވުމުން ކޯފާ އިސްކުރައްވާ ރައިސުން ދެކެފައިވާ ކަމަށާއި ރައީސް މުޢިއްޒުއަކީ އެދަފަ ބޭފުޅެއް ނޫންކަން މެންބަރު ޝުޖާއު ފާހަގަކުރެއްވިއެވެ.