ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމުނު ފޮށިތައް ބަންދުކޮށްފި
ފަސް ދާއިރާއެއްގައި މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމުނު ހުރިހާ މަރުކަޒެއްގެ ވޯޓުފޮށިތައް ބަންދުކޮށްފިއެވެ.
މި އިންތިޚާބުގައި މުޅި ޖުމްލަ ސާދަ ވޯޓުފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން ހަ ފޮށި ހުރީ މާލޭގެ ތިން ސަރަހައްދެއްގައެވެ. މިއަދު އަލުން ވޯޓުލާން ޖެހުނު ފަސް ދާއިރާގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ ދެ ގޮނޑިއަކާއި އަންހެނުންގެ ކޮމިޓީގެ ތިން މަޤާމެކެވެ. އެއީ ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް މެންބަރުކަމާއި ބ. ދޮންފަނު ކައުންސިލަށް އަންހެނުންނަށް ޚާއްޞަކުރެވިފައިވާ މެންބަރުކަމެވެ. އަންހެނުންގެ ކޮމިޓީތަކުން ވޯޓުލާފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ.
މިއަދު ހެނދުނު އަށެއް ޖެހިއިރު ފެށި މި ވޯޓުލުމުގެ ކަންކަން ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވަނީ ކުރިއަށްގެންގޮސްފައެވެ. ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ކުޑަކޮށް ލަސްވިކަމުގައި ވިޔަސް، ރަސްމީކޮށް ދީފައިވާ ވަގުތު އިތުރުކޮށްނުދިނުމަށް ކޮމިޝަނުން ނިންމިއެވެ. ހަތަރެއް ޖެހިއިރު ކިއުތައް ބަންދުކުރުމަށްފަހު، އެ ވަގުތު ކިއުގައި ތިބި ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްފަހު ފޮށިތައް ވަނީ ބަންދުކޮށްފައެވެ. ވޯޓު ގުނުމުގެ މަސައްކަތް ކޮންމެ ފޮށްޓެއް ވެސް ބަންދުކުރާތާ ބައިގަޑިއިރުގެ ތެރޭގައި ފެށިގެންދާނެއެވެ.