ސިޔާސީ މަގާމުތައް ދިނުމުގައި ތައުލީމީ މިންގަނޑެއް ގެންގުޅުއްވަން ރައީސް ނިންމެވުމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމެއް: ނިހާން
ސިޔާސީ މަގާމުތައް ދިނުމުގައި ތައުލީމީ މިންގަނޑެއް ގެންގުޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބިއުރޯގެ އިސްވެރިޔާ އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި ރައީސް ހާމަކުރެއްވި ގޮތުގައި، ކުރިމަގުގައި ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވާނީ އެކަށީގެންވާ އިލްމީ ސަނަދުތަކެއް ހުރެގެންނެވެ. އެގޮތުން، ވަޒީރުކަމުގެ މަގާމަށް އަންނަ ބޭފުޅެއްގެ ކިބައިގައި މަދުވެގެން ފުރަތަމަ ޑިގްރީއެއް އޮތުން ލާޒިމުކުރައްވާފައިވާއިރު، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަގާމުތަކަށް ދެން އައްޔަންކުރައްވާނީ މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކެވެ.
ރައީސްގެ ބަސްފުޅަށް ތާއީދު ކުރައްވައި މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނިހާނު ވިދާޅުވީ، ދަރިންނަށް މަތީ ތައުލީމު ހޯދައިދިނުމަށް ދިވެހި އާއިލާތަކުން އުފުލާ ބުރަޔާ އެކަށީގެންވާ މިންވަރަށް މީގެ ކުރިން ވަޒީފާގެ ބާޒާރުގައި އަގުވަޒަންކުރެވިފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި، އިލްމީ ގާބިލުކަމަށްވުރެ ބޮޑަށް ސިޔާސީ ތާއީދަށް ބަލައި މަގާމުތައް ބެހުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، ރައީސްގެ މި އާ ސިޔާސަތަކީ ވަގުތުގެ ގޮތުން ބަލާއިރު ނިންމަން މަޖުބޫރުވެފައިވާ މުހިންމު ނިންމެވުމެއްކަމަށް ވިދާޅުވިއެވެ.
މި އުސޫލުގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކަންކަން ނިންމުމުގައި ފަންނީ ލަފާގެ މުހިންމުކަން ބޮޑުވެގެންދާނެކަމަށް ނިހާން ވިދާޅުވިއެވެ. ހަމައެއާ އެކު، މިއީ ތައުލީމީ ޒުވާނުންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުއްމީދަކާއި ހިތްވަރެއްކަން ވެސް އޭނާގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.