ޚަބަރު

12 އަހަރަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް ދޭންކުރި ހުކުމް އިސްތިއުނާފް ކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ފުލުހުންގެ އިންސްޕެކްޓާ އޮފް ޕޮލިސް މަގާމުގައި ހުންނަވަނިކޮށް މީގެ 12އަހަރުކުރިން އެ މަގާމުން ވަކިކުރި އަހުމަދު ޝިޔާމްއަށް އެ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދޭން ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ދައުލަތުން ނިންމައިފި އެވެ.

Ads by Allied

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ޝިޔާމް މަގާމުން ވަކިކުރީ 2014ވަނަ އަހަރުއެވެ. މަގާމުން ވަކިކުރި މައްސަލަ ޝިޔާމްްްއަށް ސިވިލް ކޯޓުން ކާމިޔާުބު ނުވުމުން އޭނާ ފަހުން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ އަލުން ބަލައި މިދިޔަ ބުރާސްފަތި ދުވަހު ހުކުމް އިއްވީ ޝިޔާމްއާ އެއްކޮޅަށެވެ.

އެގޮތުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ޝިޔާމް ވަކިކުރަން ނިންމީ ކޮން ހެއްކަކަށް ކަމެއް ސާފުކޮށް ދެވިފައިނުވާ ކަމަށް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ. އެހެންވެ ޝިޔާމްއަށް އަނބުރާ ވަޒީފާ ދިނުމާއެކު ވަޒީފާ އަނބުރާ އިއާދަކުރުމާ ހަމައަަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް ޝިޔާމްއަށް ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެއާއެކު ބަދަލުގެ ގޮތުގައި ޝިޔާމްއަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ އެވެ.

ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ 12 އަހަރުގެ މުސާރައާއި އިނާޔަތް ދޭޏް ޖެހޭ ގޮތަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ހުކުމްއަކީ ކުރިން ސުޕްރީމްކޯޓުން ކޮށްފައިިވާ ހުކުމާ ހިލާފު ހުކުމެއް ކަމަށާއި އެ ހުކުމުގެ ދަށުން ބަދަލުގެ ގޮތުގައި ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރައާއި އިނާޔަތްތައްކަން އޮފިޝަލު ފާހަގަކުރެއްވި އެވެ.

Ads by Allied Insurance