ސިޔާސީ

ރައީސް ޞާލިޙުގެ ވެރިކަމުގައި މަޤާމުން އިސްތިއުފާނުދެއްވީ ކީއްވެތޯ އައްސަވައި ނަޝީދަށް ޝުޖާއުގެ ހޫނު ރައްދެއް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އިސްތިއުފާދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވުމާ ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ހިނގައިދިޔަ ގޯސް ކަންތައްތަކުގެ ތެރޭގައި އެމަނިކުފާނާއި އަރިސް ބޭފުޅުން މަޖިލީހުގެ ގޮނޑިތައް ދޫކޮށްނުލެއްވީ ކީއްވެގެންތޯ ސުވާލުކުރައްވައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by Allied

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުން ޤައުމަށް އިޚްލާޞްތެރިވާނަމަ މަޤާމުން ދުރަށްވަޑައިގަތުމަށް، އައްޑޫ ސިޓީގައި ދާދިފަހުން އޮތް ބައްދަލުވުމެއްގައި ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. މިކަމަށް ފާޑުވިދާޅުވަމުން ޝުޖާއު ފާހަގަކުރެއްވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިވެހި ދައުލަތް އިންތިހާއަށް ދަރުވާލުމާއި، ސިއްރު ސިޓީއަކުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ދޫކޮށްލުމުގެ އިތުރުން މާލޭގެ މަގުމަތީގައި ބޮންގޮއްވުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގައިދިޔައިރު ވެސް ނަޝީދުގެ ފެކްޝަނުން ތިއްބެވީ މަޤާމުތަކުގައި ބަގުޑިބައްދައިގެން ކަމަށެވެ.

މީގެ އިތުރުން، އަމިއްލަފުޅު ޕާޓީއަކީ ވަގުންގެ ހާއްޔެއްކަމަށް ސިފަކުރެއްވުމަށްފަހު، އެމްޑީޕީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި ދުވަސްވަރު ވެސް އެއްވެސް ބޭފުޅަކު ޤައުމުގެ ހައްޤުގައި އިސްތިއުފާ ދެއްވާފައިނުވާކަން ޝުޖާއު ހަނދާންކޮށްދެއްވިއެވެ. އޭރުގެ ޙާލަތު އެހާ ގޯސްކޮށް އޮތްއިރު ވެސް، ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރެއްވި މެމްބަރުން މަޖިލީހުގައި ދެމިތިއްބެވީ ކީއްވެގެންތޯ ޝުޖާއު ވަނީ އައްސަވާފައެވެ.

މިހާރުގެ ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ނަޝީދު، މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވަޑައިގަތުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ ދައުރުގައި މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރީ ވެސް އެމަނިކުފާނު އޭރު ނިސްބަތްވެވަޑައިގަތް އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކޮށްގެންނެވެ.

Ads by Allied Insurance