ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރަން ފޯމުލުމުގެ މުއްދަތު އިތުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، ކެންޑިޑެންސީ ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންނަ މޭ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، އިންތިޚާބުގެ ޤާނޫނުގެ ދަށުން ކުރިން މި ފުރުޞަތު ހުޅުވާލާފައި އޮތީ އޭޕްރީލް މަހުގެ 29ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ. ނަމަވެސް ގެނެވުނު ބަދަލާ އެކު، އިންތިޚާބުގައި ވާދަކުރަން ޝައުޤުވެރިވާ ފަރާތްތަކުން 2026 މޭ 2ވާ ހޮނިހިރު ދުވަހުގެ 15:00ގެ ކުރިން އީސީގެ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެކަމަށް ވަނީ އަންގާފައެވެ.
ޖުމްލަ 4،114 ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޖޫން މަހުގެ 6ވާ ހޮނިހިރު ދުވަހުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެ ދާއިރާ ކާމިޔާބުކުރެއްވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް އޮވެ، އެ ފައިސާ ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވުމާ ގުޅިގެން ސްޕްރީމް ކޯޓުން ކުރި ޙުކުމަކުންނެވެ. އެހެންނަމަވެސް، އަލުން ބާއްވާ މި އިންތިޚާބުގައި ވެސް ސިނާން ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ. އަދި އޭނާ ވަނީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓު ވެސް ކަށަވަރުކުރައްވާފައެވެ.