ސިޔާސީ

މީކާއީލަށް އެމްޑީޕީގެ ޗެއަރޕާސަންކަން ދީފިނަމަ ބާކީ އޮންނާނީ ނަމެއްގައި އޮތް "ތޮށިގަނޑެއް" އެކަނި: އިމްތިޔާޒު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އިމްތިޔާޒު ފަހުމީ (އިންތި)-- ފޮޓޯ/ ދެން

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުން ތާއީދުކުރާ މީކާއީލް އަޙްމަދު ނަސީމް އިންތިޚާބުކޮށްފިނަމަ، އެ ޕާޓީގެ އަސާސްތައް ނެތިގޮސް ހަމައެކަނި ނަމެއްގައި އޮންނަ "ތޮށިގަނޑަކަށް" އެ ޕާޓީ ބަދަލުވެގެންދާނެކަމަށް، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by Allied

މީސްމީޑިއާ މަންސަ 'އެކްސް' ގައި އިމްތިޔާޒު އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލުން އެ ޕާޓީގެ ކޮންޓްރޯލް އެ ފަރާތްތަކުގެ އަތްމައްޗަށް ހިނގައްޖެނަމަ، އެއްވެސް އުސޫލެއް، ގަވާއިދެއް އަދި ފަލްސަފާއެއް ނެތް ބައެއްގެ ސަބަބުން ޕާޓީ ހަލާކުވެގެންދާނެ ކަމަށެވެ. އޭނާ މިފަދައިން ފާޑުވިދާޅުވެފައި ވަނީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 12 މެންބަރުންގެ ތެރެއިން އަށް މެންބަރަކު މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޚަބަރު، އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓުކުރުމާ ގުޅިގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެ ޕާޓީން ވަނީ ފަހުން އެ ޕޯސްޓު ފުހެލާފައެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ، ޕާޓީގެ އިސް ލީޑަރޝިޕް ހޯދުމަށް ރައީސް ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. ރައީސް ނަޝީދުގެ ފަޅީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އިމްތިޔާޒަކީ، އެމްޑީޕީ ދޫކުރައްވައި 'ދަ ޑިމޮކްރެޓްސް' އުފެއްދެވުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. މީކާއީލަށް އެމްޑީޕީގެ ޗެއަރޕާސަންކަން ހޯދައިދިނުމަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޓީމުން ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރަމުންދާއިރު، މިއީ އެ ޕާޓީގެ މުސްތަގުބަލާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެކެވެ.

Ads by Allied Insurance