ސިޔާސީ

މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ޕީއެންސީގެ ތަރުޙީބު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ ދުސްތޫރީ ގޮތުން ޞައްޙަ ބަދަލެއްކަމަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ކަނޑައެޅުމާ ގުޅިގެން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) އިން އެކަމަށް ފުރިހަމައަށް ތާއީދުކޮށް މަރުޙަބާ ކިޔައިފިއެވެ.

Ads by Allied

މިކަމާ ގުޅިގެން އެ ޕާޓީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުން ހުއްޓުވުމަކީ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި ވެސް ޢަމަލުކުރަމުން އަންނަ އުޞޫލެއްކަމަށް ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ސާފުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖެ ފަދަ ރިޔާސީ ނިޒާމުތަކުގެ ޤާނޫނުއަސާސީތަކުގައި ވެސް މިފަދަ މާއްދާތައް ހިމަނާފައިވާކަން ކޯޓުގެ ޙުކުމުން އެނގެން އޮންނަކަން ޕީއެންސީން ފާހަގަކުރިއެވެ.

އޭގެ އިތުރުން، އެންޓި-ޑިފެކްޝަން އުޞޫލުގެ ސަބަބުން މަޖިލީހުގެ ހަމަޖެހުން ޤާއިމުވެ، ސިޔާސީ ޕާޓީތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަން މަތީ ކޯޓުން ބަޔާންކޮށްފައިވާތީ އެކަމަށް ޕީއެންސީން ވަނީ އުފާފާޅުކޮށްފައެވެ. މިއީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް އަސާސީ ޙައްޤަކާ ފުށުއަރާ ކަމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި މިއީ ރައްޔިތުން ދިން ވޯޓުގެ ނަތީޖާއާއި އިންތިޚާބީ މެންޑޭޓު ރައްކާތެރިކޮށްދޭނެ މުހިންމު ފިޔަވަޅެއްކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ސަރުކާރުގެ ފަރާތުން 20ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި މި މުހިންމު އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ސިޔާސީ މައިދާނުގައި ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކަށް ނިމުމެއް ގެނެސް، މަންދޫބުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުންކަމަށް ޕީއެންސީން ތަފްޞީލުކޮށްދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ މައްސަލަތައް ޙައްލުކޮށް، ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް މަގުފަހިކުރުމާ އެކު ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުންކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ. އަދި ކުރިމަގުގައި ވެސް އެ ޕާޓީގެ ސިޔާސަތުތައް ބައްޓަންކުރާނީ ޑިމޮކްރެސީގެ ރިވެތި އުޞޫލުތަކުގެ މަތިން، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްކަމުގެ ޔަޤީންކަން ވެސް އެ ބަޔާނުގައި ދީފައިވެއެވެ.

Ads by Allied Insurance