މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި މުޙައްމަދު ޙުސައިން މަނިކު ރިޓަޔަރކުރައްވައިފި
ދިވެހިރާއްޖޭގެ މާލީ ދާއިރާއާއި ސަރުކާރުގެ އިސް މަގާމުތަކެއްގައި 40އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި މުޙައްމަދު ޙުސައިން މަނިކު ރަސްމީކޮށް މިއަދު މަސައްކަތުން ދުރަށްވަޑައިގެންފިއެވެ.
މީގެ ތިން އަހަރު ކުރިން، 2021ވަނަ އަހަރު ސީއެމްޑީއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތާ ހަވާލުވެވަޑައިގެން، ރާއްޖޭގެ ކެޕިޓަލް މާކެޓް ފުޅާކުރުމަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މަނިކު ރިޓަޔަރކުރެއްވުމާ ގުޅިގެން އެ އޮތޯރިޓީން އާންމުކުރި ބަޔާނެއްގައި، ހާމަކަން ބޮޑު އަދި އިތުބާރު ހުރި މާލީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް އޭނާ ދެއްވި ހަރުދަނާ އިރުޝާދާއި ލީޑަރޝިޕް ފާހަގަކޮށް، ޚާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.
ރާއްޖޭގެ އިގުތިސާދީ ތާރީޚުގައި މަނިކުގެ ނަން ފާހަގަކުރެވެނީ ހަމައެކަނި ސީއެމްޑީއޭގެ މަގާމަކުން ނޫނެވެ. ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޒަމާނީ ޕެންޝަން ނިޒާމު ފަރުމާކޮށް ތަންފީޒުކުރުމުގެ އެންމެ އިސް މޭސްތިރިއަކީ އޭނާއެވެ. އެގޮތުން 2009އިން ފެށިގެން 2019އަށް ޕެންޝަން އޮފީހުގެ ސީއީއޯކަން ކުރެއްވިއިރު، އޭގެ ކުރިން 1993އިން 2008އަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ދިގު މުއްދަތަކަށް އޭނާ ފުރުއްވިއެވެ. އަދި މި ދުވަސްވަރު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ބޯޑުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.