ޚަބަރު

ނޫސްވެރިންނަށް ޖިނާއީ ދައުވާ އުފުލައި ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފައްޔާޒް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ފައްޔާޒު އިސްމާޢީލް/ ފޮޓޯ: ދެން

މީޑިއާތަކުން ގެނެސްދޭ މައުލޫމާތެއްގެ ސަބަބުން ނޫސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ފިޔަވަޅު އެޅުމަކީ ޑިމޮކްރަސީއާ ބީރައްޓެހި އަދި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މޯލްޑިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

Ads by Allied

ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި މިނިވަން ނޫސްވެރިކަމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ފައްޔާޒް ވަނީ، ދާދި ފަހުން އޮންލައިން ނޫސް 'އަދަދު' އިން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ އިސްވެރިންގެ ޕާސްޕޯޓު ހިފަހައްޓައި ފުލުހަށް ހާޒިރުކުރި މައްސަލައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި އެއީ ސީދާ ސަރުކާރުން ނޫސްވެރިންނަށް ބިރުދައްކައި، ޖިނާއީ ދައުވާ އުފުލުމަށް ކުރި މަސައްކަތެކެވެ.

މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ރިޕޯޓާސް ވިތައުޓް ބޯޑާސް(އާރްއެސްއެފް) އިން ނެރެފައިވާ ތަފާސްހިސާބުތަކަށް ވެސް އެ މަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.

ދޮގު ޚަބަރު ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ނޫސްވެރިން ޖަވާބުދާރީ ކުރުވުމުގެ ކަންކަން ކުރިއަށްދާން ވާނީ މަދަނީ މުޖުތަމައުގެ ތެރެއިން ކަމަށެވެ. އަދި ސަރުކާރުން ނުކުމެ ކްރިމިނަލް ދައުވާތައް އުފުލުމަކީ ޚުދުމުޚުތާރު ވެރިން، ތެދު ހާމަކުރާ ނޫސްވެރިންގެ އަނގަ ބަންދުކުރުމަށް ބޭނުންކުރާނެ ހަތިޔާރެއްކަމުގެ އިންޒާރު އެ މަނިކުފާނު ދެއްވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ފުރިހަމަ މިނިވަން ނޫސްވެރިކަމަށް ޖާގަ އޮންނަންޖެހޭނެކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، އެ މިނިވަންކަން ދެމިއޮތުން ގުޅިފައި އޮންނަނީ ވެރިކަމާ ހަވާލުވެ ތިބޭ ބައެއްގެ ވިސްނުމާ ކަމަށެވެ.

Ads by Allied Insurance