އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްޢާން ޢައްޔަންކުރައްވައިފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) ގެ ފަރާތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގައި ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު މަޤާމުން ވަކިކުރެއްވުމަށްފަހު، އެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން މިއަދު ޢައްޔަންކުރައްވައިފިއެވެ.
ދައުލަތުގެ އެކި ކުންފުނިތަކުގައި އިސް ރޯލުތަކެއް އަދާކުރައްވާފައިވާ ލަމްޢާން އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، މިފްކޯގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުކަމުގެ އިތުރުން ޗީފް ޕްރޮކިއުމަންޓް އޮފިސަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ. މި މަޤާމުތަކުގައި ހުންނަވައިގެން އެ ކުންފުނިތަކުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ނަތީޖާ ނެރެދެއްވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.