ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިންތިޚާބާ ނުކުޅެވޭނެ، އިންތިޚާބު ނިންމާފައި އޮތް ތާރީޚްގައި ބާއްވަންޖެހޭ: މީކާއީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިންތިޚާބާ ނުކުޅެވޭނެ ކަމަށް އެމްޑީޕީގެ ޗެއަރ ޕަރސަން ކަމަށް ވާދަކުރައްވާ އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލސް މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބު ލަސްކުރަން އުޅޭ އުޅުމަކީ ޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
"ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް," މީކާއީލް ވިދާޅުވިއެވެ.
އެމްޑީޕީގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 12 އަށެވެ. އެހެން ނަމަވެސް، އެމްޑީޕީގެ ވަގުތީ ޗެއަރ ޕަރސަންއަކަށް މިހާރު ހުންނެވި ޣަފޫރު(ގަޕޯ) އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބާއްވަން ޕާޓީގެ މަޖެޓުގައި ފައިސާއެއް ނެތް ކަމަށެވެ.