ރައީސް ޔާމީނަށް ޝުޖާޢުގެ ހޫނު ރައްދެއް: "ޕީއެންއެފްގެ މުޒާހަރާތައް ރާވަނީ ފިނޑިއެއް"
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން މަގުމަތީގައި ހިންގަމުންދާ ހަރަކާތްތައް ރާވައި ހިންގަނީ "ފިނޑިއެއް" ކަމަށް ސިފަކުރައްވައި، އެ ޕާޓީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢު ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
ޝުޖާޢު މިފަދައިން ވިދާޅުވެފައި ވަނީ ފަހަކަށް އައިސް ޕީއެންއެފް އިން މާލޭގެ މަގުމަތީގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ފާޑުވިދާޅުވަމުންނެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "އަނެއް ދިވެހިރާއްޖެއަށް" ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ބޭނުމެއް ވެސް ނެތެވެ.
"މި ދެންނެވި މުޒާހަރާ ވެސް ކޮންމެ ރެއަކު މި ހިނގަނީ މި މުޒާހަރާ ރާވަން އިނީ ވަަރަށް ފިނޑި މީހެއް. އޭނާ މި އިންނަނީ ގޭގައި. އިނދެގެން، ކޮށީގައި އިނދެގެން މި އަންގަނީ މިހެން ހަދާށޭ، އޭނާއަކަށް ނޭނގޭ ދުނިޔެ މި ހިނގަނީ ކިހިނެއް ކަމެއް. މި ދަންނަވަނީ މިިއީ ރައީސް ޔާމީނުގެ ވާހަކަ،" މެންބަރު ޝުޖާއު ވިދާޅުވިއެވެ.
ޕީއެންއެފްގެ މުޒާހަރާތަކުގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވެސް ވަނީ އެ ޕާޓީއަށް ރަސްމީކޮށް އިންޒާރު ދީފައެވެ. ދައުލަތުގެ ކަމާބެހޭ އިދާރާއިން އަންގާފައި ވަނީ، ސިޔާސީ އެންމެހާ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، އެ ނޫން ގޮތަކަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ސިޔާސީ މަސްރަޙު މިހާ ހަލަބޮލިވެފައިވާއިރު، ރައީސް ޔާމީންގެ ޕީއެންއެފްގެ ހަރަކާތްތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޒަރިޔަންދު ފަދަ ބޭފުޅުން ވަނީ އަލަށް އެ ޕާޓީއާ ގުޅިވަޑައިގެން މެންބަރޝިޕް ފޯމުގައި ސޮއިކުރައްވާފައެވެ.