އިންޑިއާ އައުޓް" އަކީ ޕީޕީއެމްގެ ކަމެއް، ޕީއެންސީން އެފަދަ ކަންކަމެއް ނުކުރާނެ: އައިބީ"
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތަކީ މިހާރު ވެރިކަންކުރާ ޕީއެންސީގެ ބައިވެރިވުމެއް އޮވެގެން ހިންގި ކަމެއް ނޫން ކަމަށާއި، އެއީ ޕީޕީއެމްގެ އަމަލެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާކަމަށް ބުނެ، ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްއިން މަގުމަތީގައި ބާއްވަމުންދާ އެއްވުންތައް ހުއްޓުވުމަށް ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. މި ބަހުސްގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ފުރައްސާރަކޮށް މާލޭގެ މަގުތަކުގައި ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މީގެކުރިން މުޒާހަރާކޮށްފައިވާކަން ފާހަގަކުރައްވައި ފާޑުވިދާޅުވެފައެވެ.
މީކާއީލްގެ ވާހަކަތަކަށް ރައްދުދެއްވަމުން އައިބީ ވިދާޅުވީ، މޯދީގެ މާލި ހަދައިގެން މަޖީދީމަގުގައި އެދުވަސްވަރު ކުރިއަށްގެންދިޔަ މުޒާހަރާތަކަކީ ސީދާ ޕީޕީއެމްގެ ލީޑާޝިޕުން އިންތިޒާމުކުރި ކަންތައްތަކެއް ކަމަށެވެ. އަދި ޕީއެންސީއަކީ މުޅިން ތަފާތު ފިކުރެއްގެ، އައު ލީޑާޝިޕަކާއެކު އިސްލާހަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި، ބޭރު ގައުމުތަކުގެ ވެރިންނަށް ފުރައްސާރަކުރުން ފަދަ ދަށުދަރަޖައިގެ އަމަލުތައް ޕީއެންސީގެ ފިކުރުން ގަބޫލުނުކުރާނެ ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.