އީސީގެ އަމަލުތަކުން ޕާޓީގެ އަގުވެއްޓޭތީ، އެ ކޮމިޝަނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޕީއެންއެފުން ދީފި
ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)އިން މާލޭގައި ބާއްވަމުންދާ އެއްވުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު ބަޔާނަކީ އެ ޕާޓީގެ ނަން ކިލަނބުކޮށްލުމަށް ކުރި ކަމެއް ކަމަށް ބުނެ، އީސީއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިއަދު އެ ޕާޓީން ދީފިއެވެ.
އީސީގެ ނޫސްބަޔާނަށް ރައްދުދީ ޕީއެންއެފުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކޮމިޝަނުގެ އަމަލުތައް ހުރީ ޑިމޮކްރަސީގެ ހަމަތަކާ މުޅިން ހިލާފަށް ކަމަށާއި، އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އީސީން ތުހުމަތުކުރާ ފަދަ ގާނޫނާ ހިލާފު އެއްވެސް ހަރަކާތެއް އެ ޕާޓީން ނުހިންގާ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން މުޒާހަރާ ކުރުމަށް އީސީގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި، މާލޭގެ އާންމު ބިންތަކުގެ މައްޗަށް އެ ކޮމިޝަނުގެ އެއްވެސް ބާރެއް ނުހިނގާނެކަން ޕީއެންއެފުން ވަނީ ފާހަގަކޮށްފައެވެ.
ޕީއެންއެފުން މިފަދައިން ރައްދުދީފައިވާއިރު، އިއްޔެ އީސީން ވަނީ އެ ޕާޓީގެ އެއްވުންތަކުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ޕީއެންސީގެ ޖަގަހަ ކައިރީގައި އަޑުގަދަކުރާ ބޭނުންކޮށްގެން އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއަޅަމުންދާ ކަމަށް އީސީން ވަނީ ތުހުމަތުކޮށްފައެވެ. އަދި މިކަމާ ގުޅިގެން މަޝްވަރާކުރަން އެންގުމުން ވެސް ޕީއެންއެފުން އިޖާބަދީފައި ނުވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އީސީން ވަނީ ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރާނަމަ ޕީއެންއެފްއާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައެވެ. މަގުމަތީގައި ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ނިމިދިޔަ މަޖިލިސް އިންތިހާބަށްފަހު އާންމުވި ޑޮކިއުމެންޓްރީއަކާ ގުޅިގެން ފެށި އެއްވުންތަކެކެވެ. އެ ޕާޓީން ބުނެފައި ވަނީ އީސީގެ އިންޒާރުތަކަށް ބެލުމެއްނެތި، ގާނޫނީ އިމުގެ ތެރެއިން ލިބިދޭ ހައްގުތަކުގެ ބޭނުން ހިފުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށެވެ.