އެމްޑީޕީ ރޫޅާލީ ރައީސް ނަޝީދު، އެ ރާވަން ވެސް އިނގޭނީ ރައީސް ނަޝީދަށް: ޝިފާޒު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ރޫޅާލަން ނިކުމެ، އެ ޕާޓީ ރޫޅާލި ބަޔަކަށް އެ ރާވަން ވެސް އިނގޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝިއްޕެ ވިދާޅުވީ، ކަންކަން އިސްލާޙުކުރުމުގެ ނަމުގައި ގެންނަ ބޮޑެތި ބަދަލުތަކާ ގުޅިގެން އާންމުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ފާޅުކުރެއްވި ޝުޢޫރެއްގައި ކަމަށެވެ. ޝިއްޕެ ފާހަގަކުރެއްވި ގޮތުގައި، ކަމެއް ގޯސްކޮށްދާނަމަ، ބައެއް ފަހަރު ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި މުޅި އޮނިގަނޑު މުލުން ލުހެލައިގެން ބަލަން ޖެހެއެވެ. އަދި މިއީ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އެއްޗެއް ރޫޅާލުމަކީ އެކަމުގެ ނިމުން ނޫންކަމަށާއި، އެއީ އޭގައި ހުރި އުނިކަންތައްތައް ފާހަގަކޮށް ރަނގަޅުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ނިންމުން ނިންމައި އަމަލީ މަސައްކަތާ ހަވާލުވާ ފަރާތްތަކަކީ އަލުން އެ ކަންތައްތައް ކުރިއަށްވުރެ ހަރުދަނާކޮށް ބިނާކުރުމުގެ ފުރިހަމަ ޤާބިލުކަން ހުރި ބައެއްކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.
"އެމްޑީޕީ އޭ ރޫޅާލި ވާހަކަ. މިހާރު އެއްޗެއް ރޫޅާލަނީ މަސްއަލައެއް އޮތީމަ. ރޫޅާލީމަ އެނގެނީ ހުރި މަސްއަލަ. ހައްލު ކުރަން. މި ވަރަށް ވަރަށް ވަރަށް ހަމަ ސިމްޕަލް ވާހަކައެއް މި ދަންނަވަނީ. މަސްއަލައެއް އެއްޗަކަށް ޖެހުނީމާ އެ މަސްއަލަ ދެނެގަނެވިގެން އެތި ހައްލު ކުރަނީ އެތި ރޫޅާލައިގެން. އެހެންނޫނީ އޭގަވެފަ ހުރި ކޮތެއް ނޭނގެ. ދެން އެ މަސްއަލަ ހައްލު ކުރެވޭނީ އެކަން ކުރި ބަޔަކަށް." ޝިފާޒު ވިދާޅުވިއެވެ.
ރައީސް ނަޝީދާ ނުލައި ވެސް އެމްޑީޕީއަށް ލިބުނު މޮޅެއް ނެއްކަމަށާއި އެމްޑީޕީ ކުރިއަށް ގެންދެވެން އޮތީ ރައީސް ނަޝީދު އިސްސަފަށް ނެރެގެން، އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިފައިގެން ކަމަށެވެ. 2028ގައި އެމްޑީޕީގެ ވެރިކަމެއް ގެނެސް ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދެވެން އޮތީ ވެސް ރައީސް ނަޝީދުއާ އެކީގައި ތިބެގެން ކަމަށް ޝިއްޕެ ފާހަގަ ކުރިއެވެ.
2023ވަަނަ އަހަރުގެ ރިޔާސީ ޕްރައިމެރީއަށް ފަހު އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން އުފެދި، އެ މައްސަލަތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި އައު ސިޔާސީ ޕާޓީއެއް (ޑިމޮކްރެޓްސް) އުފައްދަވާފައެވެ. އެ މަނިކުފާނާއި ޝިފާޒުގެ އިތުރުން އަރިސް ގިނަ މެމްބަރުން ވަނީ އެމްޑީޕީދޫކޮށް ޑިމޮކްރެޓްސްއާ ގުޅިފައެވެ. އޭގެ ތެރޭގައި އޭރުގެ މަޖިލިސް ބައެއް މެމްބަރުން ވެސް ހިމެނެއެވެ. ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގައި އޭރުގެ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެމްޑީޕީ ”ރޫޅާލާނެ“ ކަމަށް ހަރުއަޑުން ވިދާޅުވެފައެވެ.