ތާރީޚީ އަމުރެއް: ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރާ ގެއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ގެއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގައި ހުންނަ "ހ. ގުންޒަރު" ނަމަކަށް ކިޔާ ގެއެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ކ. މާލެ ހ. ގުންޒަރު ބަންދުކުރުމަށް ނިންމާފައި ވަނީ 2026 މެއި 5ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށެވެ. މިއީ މަސްތުވާތަކެތީގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ބަންދުކުރުމަށް ރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމްކުރި ފުރަތަމަ ފަހަރެވެ.
މި ހަރުކަށި ފިޔަވަޅު އަޅާފައި ވަނީ، 2026 މާރިޗު 7ވަނަ ދުވަހު މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވުނު މުހިންމު އިސްލާހަކާ ގުޅިގެންނެވެ. އެ ބަދަލާ އެކު، މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ވަގުތުން 24 ގަޑިއިރަށް ބަންދުކުރުމުގެ އިހުތިޔާރު ފުލުހުންނަށް ދީފައިވާއިރު، ކޯޓު މެދުވެރިކޮށް ގިނަވެގެން ތިން މަހަށް އެފަދަ އިމާރާތްތައް ބަންދުކުރުމުގެ ގާނޫނީ ބާރު ވަނީ ކަށަވަރުކޮށްދީފައެވެ.
އަމަލުކުރަމުންދާ ގާނޫނު ބުނާގޮތުން، މަސްތުވާތަކެތި ބޭނުންކުރުމަށް ޖާގަދީ އެ ހިދުމަތް ފޯރުކޮށްދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އެފަދަ ކުށެއް ސާބިތުވެއްޖެނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އައުމާ އެކު، ގިނަވެގެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެ އިތުރުން، އިމާރާތެއްގައި އެފަދަ ކަމެއް ހިނގާކަން އެނގިހުރެ އެކަން ސިއްރުކުރާ ނުވަތަ ހުއްޓުވުމަށް މަސައްކަތްނުކުރާ ގޭގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ވެސް ޤާނޫނުގައި ވަނީ ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.
ކޯޓުގެ އަމުރާ އެއްގޮތަށް ބަންދުކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ އިމާރާތަށް ހުއްދަނެތި ވަދެނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި އެތަނަށް ވަންނަ މީހުންނާއި ތަނަށް އެއްވެސް ބާވަތެއްގެ ގެއްލުމެއްދޭ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.