ޚަބަރު

މަޓާޓޯ އާއި އެންއެޗްޖީއެމްގެ އަންދާޒާ : ގެއްލުން 500 މިލިއަން ޑޮލަރަށް އަރާނެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
Velaana international airport
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް/ ފޮޓޯ: ދެން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، 500މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ، އެކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަޓާޓޯ އާއި އެންއެޗްޖީއޭއެމް އިން ސަރުކާރަށް ގޮވާލައިފިއެވެ.

Ads by Allied

މި ދެ ޖަމިއްޔާ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މާޗް 2026އިން ފެށިގެން ފަތުރުވެރިން އަންނަ މިންވަރަށާއި ބުކިންތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ރަސްމީ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް ބަޔާނުގައި ބުނެފައިވަނީ، މާޗް އަދި އޭޕްރީލް މަހު ފަތުރުވެރިން އައި އަދަދު ދަށްވެފައިވާއިރު، މި ހިނގާ މެއި މަހު އެ އަދަދު އިތުރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުދި ވިޔަފާރިތަކަށް ބޮޑު ނުރައްކަލެއް

މި ހާލަތުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ ކަމަށްވާ ލޯކަލް އެސްއެމްއީތަކާއި، ގެސްޓްހައުސްތަކާއި، ޓްރެވަލް އޭޖެންޓުންގެ އިތުރުން ޓުއާ އޮޕަރޭޓަރުންނަށެވެ. މާލީ ގޮންޖެހުންތަކުގެ ސަބަބުން މިފަދަ ބައެއް ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ކަންތައް ގޮސްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހުށަހަޅާފައިވާ މުހިންމު ފިޔަވަޅުތައް

މާލީ ލުއިތައް - އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯނު ދިނުމާއި، މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ އިތުރުން ޓެކްސް ދެއްކުމާއި އެހެނިހެން ފީތަކަށް ލުއި ދިނުން.

ޚަރަދު ކުޑަކުރުން - އެއާޕޯޓް ތެލުގެ އަގު ބޮޑުވުމާއި ހިންގުމުގެ ޚަރަދުތައް އިންތިހާއަށް މަތިވަމުންދާ މައްސަލައަށް ވަގުތުން ހައްލެއް ހޯދުން.

މުވައްޒަފުން ހިފެހެއްޓުން -  ލޯކަލް އޮޕަރޭޓަރުންނަށް ވިޔަފާރީގައި ދެމިތިބެވޭނެ ގޮތް ހަދައި، މުވައްޒަފުންގެ ވަޒީފާ ކަށަވަރުކުރުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމުކުރުން.

އަގު ކޮންޓްރޯލްކުރުން - ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގު ބޮޑުވަމުންދާތީ، އެކަން ކޮންޓްރޯލްކޮށް އެސްއެމްއީތަކަށް ސަޕޯޓް މެކޭނިޒަމެއް ހަމަޖެއްސުން.

މަޓާޓޯ އާއި އެންއެޗްޖީއޭއެމް އިން ބުނި ގޮތުގައި މީގެ ކުރިން ދިމާވި ކާރިސާތަކުގައިވެސް ސިނާއަތުގެ ސްޓޭކްހޯލްޑަރުން ވަނީ ކެތްތެރިކަން ދައްކާފައެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަން ދެމެހެއްޓުމަށް ސަރުކާރާއެކު ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ދެ ޖަމިއްޔާއިންދެއެވެ.

Ads by Allied Insurance