ވޭތުވެދިޔަ ސާޅީސް ދުވަހު 970 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފިން، ރައްޔިތުންނަށް އޮތީ ފާގަތިކަމުގެ ޔަޤީންކަން: ރައީސް
ރާއްޖެ ވެއްޓިފައިވާ ދަރަނީގެ ބޮޑު އަނދަވަޅުން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން، ފާއިތުވި ސާޅީސް ދުވަހުގެ ތެރޭގައި 970 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ.
ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ހާމަކުރެއްވި ގޮތުގައި، ދައުލަތުން މިއަދު އެކަނިވެސް ވަނީ 50 މިލިއަން ޑޮލަރު ދައްކައި ޚަލާޞްކޮށްފައެވެ. މިއީ ނިމިދިޔަ ސަރުކާރުން 2019ވަނަ އަހަރުގެ މާރިޗު، ޖޫން އަދި އޮކްޓޯބަރު މަހުގެ ތެރޭގައި އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ ބައެކެވެ. ކުރީގެ ސަރުކާރުން 2020ވަނަ އަހަރުން ފެށިގެން 2023ގެ ނިޔަލަށް މި ފައިސާ ނުދައްކައި ފަސްކުރަމުން ދިޔަ ނަމަވެސް، މި ވެރިކަމާ ހަވާލުވުމަށްފަހު މީގެ ކުރިން 50 މިލިއަން ޑޮލަރު އަދި މިއަދު އިތުރު 50 މިލިއަން ޑޮލަރު ވަނީ އަދާކޮށްފައެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު 2026ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ދައްކައި ނިންމަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ޤައުމުގެ މާލީ ޙާލަތާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ މަޢުލޫމާތުތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ އަގުވައްޓާލަން މަސައްކަތްކުރެއްވުމަކީ ނުހަނު ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އަމިއްލަފުޅަށް ވެރިކަމުގައި ތިއްބަވައިގެން އުފެއްދި ދަރަނިތައް މި ސަރުކާރުން އަދާކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިފަދަ ގޮންޖެހުންތަކާ އެކުގައިވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ދަތިނުވާނެހެން ކަންކަން އިންތިޒާމުކުރުމަށްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިޔަސް، އާންމު ރައްޔިތުންނަށް އޭގެ ތަކުލީފު ކުޑަވާނެހެން ކާބޯތަކެއްޗާއި ތެޔޮ ފޯރުކޮށްދިނުން ކަށަވަރުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދޭންޖެހޭ އެހީތެރިކަންވެސް އެއްވެސް މެދުކެނޑުމެއްނެތި ދޫކުރަމުންދާކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. ސަރުކާރުގެ އަމާޒަކީ އެއްވެސް އޮޅުވާލުމެއް ނެތި، ތެދުވެރިކަމާއެކު ދަރަނީގެ ބުރައިން ޤައުމު މިންޖުކޮށްދިނުންކަން ރައީސް ތަކުރާރުކުރެއްވިއެވެ.