ޤާނޫނާ ޚިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގަނެފި
ޤާނޫނާއި ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގަނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި މެއި މަހުގެ 13ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ޤާނޫނާ ޚިލާފަށް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރަމުންދިޔަ ގިނަ އަދަދެއްގެ ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ތަކެތި ހޯދާފައި ވަނީ ތަފާތު އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށް ސިއްރުން ވިއްކަމުންދާކަމަށް ފާހަގަކުރެވިގެން ހިންގި ބަލާފާސްކުރުމުގެ ހަރަކާތެއްގެ ތެރެއިންނެވެ. މިގޮތުން މާލޭގެ ގަލޮޅު ސަރަޙައްދުގައި ހުރި ގެއެއްގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި އެޕާޓްމަންޓެއް އަދި ވޭނެއް ވަނީ ފުލުހުން ބަލައި ފާސްކޮށްފައެވެ.
މި ފާސްކުރުމުގެ ތެރެއިން ޖުމްލަ 75 ކާޓޫނުގެ ސިނގިރޭޓާއި 18 ކޭސް ދުންފަތް ފެނިފައިވާއިރު، މި ކަމުގައި ބޭނުންކުރި ވޭން މިހާރު ވަނީ ޓޯކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.