އިތުރު ވަގުތުގައި ގޯލެއް ޖަހާ ތުރުކީން ޖަރުމަނު ހިފަހައްޓައިފި

ޖަރުމަނާއި ތުރުކީ މިރޭ ވާދަކުރި އެކުވެރިކަމުގެ މެޗުގައި ތުރުކީއިން އިތުރު ވަގުތުގައި ގޯލެއް ޖަހާ ޖަރުމަނު މޮޅު ނުވެ ހިފަހައްޓާލައިިފިއެވެ. އެގޮތުން ފޯރިގަދަ މި މެޗު ނިމިގެން ދިޔައީ 3-3ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ،
މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ވެސް ޖަރުމަނުންނެވެ. އެ ގޯލް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑްރެކްސްލާއެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ. ނަމަވެސް ފުރަތަމަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ.
ދެވަނަ ހާފް ފެށި މާ ގިނައިރު ތަކެއް ނުވެ ތުރުކީ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް މެޗުގެ 50 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން ތުފާންއެވެ.
ތުރުކީއިން ނަތީޖާ ހަމަހަމަކޮށް މާގިނައިރުތަކެއް ނުވެ އަނެއްކާ ވެސް ޖަރުމަނުން ގޯލެއް ކާމިޔާބު ކުރިއެވެ. އަށް މިނެޓް ފަހުން ޖަރުމަނުން ލީޑު ނެގިއެވެ. ނަމަވެސް އަނެއްކާ ވެސް މެޗުގެ 67 ވަނަ މިނެޓުގައި ތުރުކީ އިން ނަތީޖާ ހަމަހަމަ ކުރީ ކަރަކާ ޖެހި ގޯލުންނެވެ.
މެޗުގެ 81 ވަަނަ މިނެޓުގައި ޖަރުމަނުގެ ވާލްްޑްސްމިޗް ވަނީ އެ ޓީމަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ 4 މިނެޓުގެ ތެރޭގައި ތުރުކީގެ ކަރަމަން ޖެހި ގޯލުން މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއަކުން އެެއްވަރު ވެގެންނެވެ.