ހަނގުރާމައާ ގުޅިގެން ޓޫރީޒަމްއަށް ލިބުނު ހީނަރުކަމުން އަރައިގަތުމުގައި ކާމިޔާބީ ދަނީ ލިބެމުން: ސަރުކާރު
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބެމުންދާ ހީނަރުކަމުން އަރައިގަތުމުގައި ކާމިޔާބީ ލިބެމުންދާކަމުގައި، އެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީއިން ހާމަކޮށްފި އެވެ.
އެ ކޮމިޓީއިން އެކަން ހާމަކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށާއި، އެޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް، މި ނިސްބަތް ހުރީ 8.9 ގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާލަތުގައި، ފަތުރުވެރިކަން ދަށަށް ދާ މިންވަރުގެ ފަރަގު، މިހާ ބޮޑަށް ކުޑަކުރެވުން އެމަނިކުފާނު ސިފަކުރެއްވީ ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ، ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން އެކުގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މޯލްޑިވިއަން އިން އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުން މިހާރު ވެގެންގޮސްފައިވަނީ، ހައްސާސް ޙާލަތެއްގައި އިގުތިސާދީ ގެއްލުން މިޓިގޭޓްކުރުމަށް ރާއްޖޭގެ އަމިއްލަ ގާބިލިއްޔަތު އިތުރުވެގެންދިޔަ، ހިކުމަތްތެރި ނިންމެވުމަކަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.