ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވައިފި
ރާއްޖޭގައި އާންމުވެފައިވާ ބޭހުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، ދައުލަތުގެ ބޭސް ކުންފުނި (ސްޓޭޓް ފާމާ)އިން ތަރައްގީކުރި ފުރަތަމަ ފާމަސީ ންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދު ހުޅުވައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހީމް އަބްދުއް ރައްޒާގު ހަލީމް އަދި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު އެވެ.
އެ ފާމަސީން 24 ގަޑިއިރު ހިދުމަތް ދޭން ނިންމާފައިވާ އިރު ފާމަސީއަށް 19 ދިވެހި ފާމަސިސްޓުން ހޯދަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން ކުރަމުން އައި ބޭސް އެތެރެކުރުމުގެ މަސައްކަތް، ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރީ މިދިޔަ މަހު އެވެ. އޭގެ އިތުރުން، އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ހުރިހާ ފާމަސީތަކެއްވެސް ސްޓޭޓް ފާމާގެ ހިންގުމުގެ ދަށަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާ އެކު، މުޅި ރާއްޖޭގައި ހުރި ފާމަސީތަކުގެ ސްޓޮކް އެއް ވިއުގައަކުން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ސެންޓްރަލް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ނިމުމަކަށް ގެނައުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓޭޓް ފާމަސޫޓިކަލް ކޮމްޕެނީ އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ފާއިތުވި ދުވަސްތަކުގައި އެ ކުންފުނިން ވަނީ އިދާރީ އޮނިގަނޑު އެކުލަވާލުމާ އެކު، ބޭސް ލިބުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ އޮޕަރޭޝަންތައް ފުރިހަމައަށް ހިނގައިގަނެ، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން ސްޓޭޓް ފާމާއިން ވަނީ ދީފައެވެ.