މީރާގެ ތަންފީޒީ ފިޔަވަޅުތަކާއެކު ނުލިބިވާ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި
ދައުލަތަށް ނުލިބިވާ ޓެކުހާއި އެ ނޫންވެސް ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ހަރުކަށި ތަންފީޒީ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި އެޕްރީލް މަހުގެ ނިޔަލަށް 543 މިލިއަން ރުފިޔާ ހޯދައިފިއެވެ.
މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން، މި އަދަދު ދައުލަތަށް ލިބިފައިވަނީ ތަފާތު އެކި ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފައިސާ ދެއްކުމަށް އަންގައި ފޮނުވި ނޯޓިސްތައް މެދުވެރިކޮށެވެ. މީގެ ތެރެއިން 372 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިއުސް ކްލިއަރެންސްގެ ގޮތުގައި 96 މިލިއަން ރުފިޔާ އަދި ބަހާލައިގެން ފައިސާ ދެއްކުމަށް ހެދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 64 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މީގެ އިތުރުންވެސް، ފޯނުން ގުޅައިގެން ހަނދާންކޮށްދީގެން ފަސް މިލިއަން ރުފިޔާ އަދި އެކްޝަން ޕޮލިސީގެ ދަށުން ހަތަރު މިލިއަން ރުފިޔާ ހޯދާފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ޓެކުހަށް މަކަރުހަދާ އަދި ފައިސާ ނުދައްކާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ނަތީޖާއެއްގެ ގޮތުން ފައިސާ ހޯދުމުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަމަށް މީރާއިން ބުނެއެވެ. މި އުސޫލުގެ މަތިން، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އާމްދަނީން ޓެކްސް ނަގާ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ މައުލޫމާތު ވެސް މިދިޔަ މަހު ވަނީ އާންމުކޮށްފައެވެ.
ޓެކްސް ބަޔާން ހުށަނުއަޅައިގެން މީރާއިން ނަން ހާމަކުރި ލިސްޓުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި، ކުންފުނިތަކުގެ އިތުރުން އެކިއެކި ވިޔަފާރިތައް ވެސް ހިމެނެއެވެ. މިފަދަ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަނީ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، ޓެކްސް ނުދައްކާ ފަރާތްތައް ހާމަކުރުމަށް އެ އިދާރާއިން ކަނޑައަޅާފައިވާ ހާއްސަ ސިޔާސަތުގެ ތެރެއިންނެވެ.