ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލެވޭނީ 4،121 މީހުންނަށް: އީސީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސުޕްރީމް ކޯޓުގެ ޙުކުމަކުން ގޮނޑި ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް އައު މެންބަރަކު އިންތިޚާބުކުރުމަށް އަންނަ މަހުގެ 6ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 4،121 ރައްޔިތުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

Ads by Allied

މި އިންތިޚާބުގައި ވާދަކުރައް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ކެންޑިޑޭޓް އަޙްމަދު ސަޢީދު އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤެވެ. މި ދާއިރާގެ ގޮނޑި ހުސްވީ، މިއަހަރު ބޭއްވި ޢާންމު އިންތިޚާބުގައި އެ ގޮނޑި ކާމިޔާބުކުރެއްވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ޙުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކަވާކަން ސުޕްރީމް ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ.

އީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 7 ވޯޓުފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓާއި، މާލެ ސަރަޙައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު ފަރާތު އިމާރާތުގައި ބަހައްޓާ 2 ފޮއްޓެވެ.

އަންނަ މަހުގެ 6ވަނަ ދުވަހު ނަގާ މި ވޯޓުލުމުގެ ކަންކަން، އެ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

Ads by Allied Insurance