ފޮނަދޫގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި، ދުވަސްވީ މީހަކަށް ފަރުވާދެނީ
ލ. ފޮނަދޫ މައި މަގުން ކައްދޫއަށް ދަތުރުކުރަމުންދިޔަ ދެ ސައިކަލެއް މުޑިއަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މަންޒަރު ދުށް ފަރާތްތަކުން "ދެން"އަށް މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި އެންމެ ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ކުރީގައި އޮތް ސައިކަލު ދުއްވި ފިރިހެންމީހާއަށެވެ. އޭނާގެ ބޮލަށް ފުން ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ފޮނަދޫ ޞިއްޙީ މަރުކަޒަށް ގެންގޮސް ފުރަތަމަ ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ކުރީގައި އޮތް ސައިކަލުން ގޯޅިއަޅަން ސިގުނަލް ދިނުމަށް ފަހު މަގުމައްޗަށް މަޑުކޮށްލުމުންނެވެ. އެ އުޅަނދު މަޑުކުރީ ކުރިމަތިން އައި އެހެން ވެހިކަލަކަށް ތަންދިނުމުގެ ގޮތުން ކަމަށާއި، އެ ވަގުތު ފަހަތުން އައި ސައިކަލު ކޮންޓްރޯލް ނުކުރެވި ގޮސް، މަޑުކޮށްގެން އޮތް ސައިކަލުގެ ފަހަތުން މުޑިއެރީއެވެ.
މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.