ނާޒިމާ ދައްކާނެ ވާހަކައެއް ނެތް: ރައީސް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން އަދި ޕީއެންސީގެ ފަރާތުން ނާޒިމް އެ މަގާމުން ވަކި ކުރަން އުޅުމާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް އަދި ކުރާނެ މަޝްވަރާއެއް ވެސް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައީސް މިފަދައިން ވިދާޅުވީ ރައީސް، އީދު ބަންދުގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ނާޒިމްއާ ބައްދަލުކުރުުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަތީ ނާޒިމްއާ ބައްދަލުކުރުމަށް ކަމަށް ދެކެވޭ ވާހަކަތަކުގައި ތެދެއް ނެތް ކަމަށެވެ. އަދި އެއީ ބުހުތާން ދޮގަކަށް ވުރެ ވެސް ބޮޑު ދޮގެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑެއް ނާޒިމާ އެކީގައި ދައްކާނެ ވާހަކައެެއް ވެސް، މަޝްވަރާއެއް ވެސް ނެގޯޝިއޭޝަނެއް ވެސް ނެތް. އެއީ އެކަމަށް ކުރި ދަތުރެއް ނޫން. މިކަމަށް ހެކިވާނެ އެތައް ބަޔަކު ތިބޭނެ. މާލޭން ފުރިއިރު އަޅުގަނޑު ކުދިންނާ އެކު ފުރި ތަން ފެންނާނެ ނޫންތޯ އެމްއޭސީއެލް މުވައްޒަފުންނަށް ވެސް" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކުރެއްވުމަށް ކަމަށެވެ. އަދި އެ ގައުމުގައި ހޭދަކުރެއްވި ހުރިހާ ވަގުތެއް ހޭދަކުރެއްވީ އާއިލާއާ އެކުގައި ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެ ތުހުމަތުތައް ކުރެއްވި ތަން ސޯޝަލް މީޑިޔާގައި ދައުރުކުރި ވީޑިއޯއަކުން ފެނިވަޑައިގަންނަވާ ކަމަށެވެ.
ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި ނާޒިމް ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށް އެ މައްސަލައިގެ ޖަލްސާ ފެށުމަށް މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށް އިއްޔެ ނާޒިމް ވަނީ އިސްތިއުފާ ދެއްވައިފައެވެ. ނާޒިމް އިސްތިއުފާ ދެއްވައި ނެރުނު ނޫސްބަޔާނުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.