ޚަބަރު

ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތައް "ވަން ގަވް" ޕޯޓަލްގައި ދަފްތަރުކުރަން ނިންމައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އަމިއްލަ ދިރިއުޅުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ ފަރާތްތައް ރަޖިސްޓަރީކުރުމަށް މިހާރު ބޭނުންކުރަމުންދާ "ދިރިތި" ޕޯޓަލްގެ ބަދަލުގައި "ވަން ގަވް" ޕޯޓަލް މެދުވެރިކޮށް ދޭގޮތަށް ހަމަޖައްސަވައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހާމަކުރައްވާފައިވާ ގޮތުގައި، މި ބަދަލު ގެނައުމަށްޓަކައި މާދަމާ މެންދުރުފަހު 2:00 އިން ފެށިގެން "ދިރިތި" ޕޯޓަލް މެދުވެރިކޮށް އާ އެޕްލިކޭޝަންތައް ބަލައިގަތުން ހުއްޓާލެވޭނެއެވެ. އަދި އެ ޕޯޓަލްގައި މިހާތަނަށް ރަޖިސްޓަރީވެފައިވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތުތައް "ވަން ގަވް" ނިޒާމަށް ބަދަލުކުރުމުގެ މަސައްކަތް މި މުއްދަތުގެ ތެރޭގައި ކުރިއަށްދާނެއެވެ. އެހެންކަމުން، އަލަށް ދަފްތަރުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަލުން ހުޅުވިގެންދާނީ އާދީއްތަ ދުވަހު "ވަން ގަވް" ޕޯޓަލްގެ ތެރެއިންނެވެ.

މި ނިންމުމާ ގުޅިގެން ޢާންމުންނަށް އޮޅުންއަރާ ކަންކަން ސާފުކޮށްދިނުމަށްޓަކައި އެމްއެފްޑީއޭގެ ޚާއްޞަ ނަންބަރުތަކެއް ކަމަށްވާ 3034221 އަދި 7603204 އަށް ގުޅުއްވައިގެން މަޢުލޫމާތު އޮޅުންފިލުވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

ސަރުކާރުގެ ގިނަ ޚިދުމަތްތަކެއް އެއްވިއުގައަކުން ފޯރުކޮށްދޭ "ވަން ގަވް" ޕޯޓަލްއަކީ މިހާރު ވެސް އެމްއެފްޑީއޭގެ މުހިންމު ޚިދުމަތްތަކެއް ދެމުން އަންނަ މަންސައެކެވެ. އޭގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ ބޭހާއި ކާބޯތަކެއްޗަށް ހުއްދަ ދޫކުރުމާއި، ބޯޑަރުތަކުން ދޭ ހެލްތު ކްލިއަރެންސްގެ ކަންކަން ހިމެނެއެވެ.

Ads by Allied Insurance