އިޤުތިޞާދާ ގުޅިގެން އެމްޑީޕީން ފަތުރާ ދޮގުތައް ފިޗްގެ ރޭޓިންއާ އެކު ފަޅާއަރައިފި: މަމްދޫހު
ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުތަކާ މެދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން)އިން ރައްޔިތުންނަށް އޮޅޭގޮތަށް ފަތުރަމުންދާ ދޮގު ވާހަކަތައް ހާމަވެގެންދިޔަ ސާފު ހެއްކެއްކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމެއްގައި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ އިޤުތިޞާދު މިހާރު މިސްރާބު ޖަހާފައި ވަނީ ރަނގަޅު ދިމާލަކަށްކަން ބަލައިގަންނަމުންދާކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، މިއީ ސަރުކާރާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުވިކަމުގެ ނިޝާނެއް ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުޢިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް އިދިކޮޅުން މަލާމާތްކުރި ނަމަވެސް، މިއަދު ފެންނަމުންދަނީ އެ ސިޔާސަތުތަކުގެ އާރުލާކަން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.
އެމްޑީޕީގެ ސިޔާސީ އުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަމްދޫހު ވަނީ، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައިގެން ޤައުމުގެ މަސްލަހަތު ނަގައިލުމަކީ އެ ޕާޓީގެ ލޭގައި ހުރި ކަމެއްކަމަށް ތުހުމަތުކުރައްވާފައެވެ. އިދިކޮޅުގައި ތިބޭއިރު ރައްޔިތުންނަށް ހުވަފެންތައް ދެއްކުމަށް ފަހު، ވެރިކަމުގެ ބާރު ލިބުމުން އެ ޕާޓީގެ އިސްވެރިން އިސްކުރަނީ އަމިއްލަ މަންފާއާއި ޖީބުތައް ފުރައިލުންކަން ފާއިތުވި ތާރީޚުން ސާބިތުވާކަމަށް މެންބަރު ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އަލިއަޅުއްވައިލައްވަމުން އޭނާ ވިދާޅުވީ، ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ބޮޑެތި ލޯނުތައް ނަގައި، އެއްވެސް އިޤުތިޞާދީ ފައިދާއެއް ނުކުންނާނެ މަޝްރޫޢެއް ހިންގާފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި މުސާރަ ދިނުމަށްޓަކައި ކޮވިޑްގެ ހާލަތު ނިވާފަތްގަނޑަކަށް ހަދައިގެން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ދިމާވި ގެއްލުންތަކުގެ އަސަރު އަދިވެސް ފިލައިގެން ނުދާކަން މަމްދޫހު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެހެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ފަހު، ދަރަނި އަދާކުރަމުން އިޤުތިޞާދު މެނޭޖުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ނަމޫނާއެއްކަމަށް މަމްދޫހު ވިދާޅުވިއެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ މާލީ އިތުބާރު އުފުލިގެން ދިއުމަކީ އިދިކޮޅުގެ ހުރިހާ ފިތުނައަކަށް ލިބުނު ފުރިހަމަ ރައްދެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.