ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓް އޮފިސަރުން ބައެއް ސަރަހައްދުތައް ޕެޓްރޯލްކުރަން ފަށައިފި
ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓް އޮފިސަރުން މާލޭގެ ބައެއް ސަރަހައްދުތައް ޕެޓްރޯލްކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މިއީ އަޅުގަނޑުމެން މުޖުތަމައުގެ އަމަން އަމާންކަން ނެގެހެއްޓުމުގެ ގޮތުންނާއި އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން ފެށި ކަމެއް ކަމަށެވެ.
އަދި އެއާއެކު ކުށްކުރުން މަދުކުރެވި އަދި ކަންކަމާމެދު އަވަހަށް ފިޔަވަޅު އެޅި އަދި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަހުފަހިވެގެންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.
"ކޮންމެ ފަރުދަކަށް ވެސް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުންދާނެ" ފުލުހުން ބުންޏެވެ.
ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ގޭންގް ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ފުލުހުންގެ ތެރޭގައި ގާއިމުކުރީ ޖުލައި 1، 2024ގައެވެ.
އަދި ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުށް ބިލެއް ހުށަހަޅައި ފާސްކޮށް މިދިޔަ އަހަރުގެ މޭ މަހު ވަނީ އެ ބިލު ތަސްދީގުވެސްކޮށްފައެވެ. އަދި އޭގެ ފަހުން މިދިޔަ ޖެނުއަަރީ މަހު ވަނީ އައްޑޫސިޓީ ހިތަދޫގައި ހަރަކާތްތެރިވާ "ސްކޫޕް"ނަަމަކަށް ކިޔާ ގުރޫޕަކީ އިންތިޒާމްވެފައިވާ ކުށްކުރާ ގުރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިފައެވެ. އަދި މިދިޔަ މާޗު މަހު އެ މައްސަލަ ހައިކޯޓުގައި ވަނީ ފަށައިފައެވެ.