ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްޢާންގެ މައްޗަށް ކުރި ތިން ދައުވާ ސާބިތުވެއްޖެ
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްޢާން ވަހީދުގެ މައްޗަށް ކުރި ތިން ދައުވާއެއް މިއަދު ކްރިމިނަލް ކޯޓުން ސާބިތުވާ ކަމަށް ކަނޑައަޅައިފިއެވެ.
މިއަދު ހަވީރު 4:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ، އޭނާގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ނިންމަވައި، އަދަބު ކަނޑައެޅުމުގެ މަރުހަލާ ކުރިއަށް ގެންދަވާފައެވެ.
އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް، ކަމާގުޅޭ ލިޔެކިޔުންތައް ފުރިހަމަނުކޮށް ބިދޭސީންނަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަންތަކެއްގައި ނާޖާއިޒު ފައިދާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ޝަމްޢާން ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، 10،000 އެމެރިކާ ޑޮލަރާއި، 257،475 ދިވެހި ރުފިޔާގެ އިތުރުން ބޭރު ގައުމުތަކުގެ ފައިސާއާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ އަތުލައިގަނެފައެވެ.