އަޒާންއާ ގުޅޭ ގޮތުން "ދައުރު" ނޫހުގައި ލިޔުނު އާޓިކަލް ނަގަން ކޯޓުން އަމުރު ނެރެފި
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާންއާ ގުޅޭ ގޮތުން ދައުރު ނޫހުގައި ލިޔުނު އާޓިކަލް ނަގަން ސިވިލް ކޯޓުން މިއަދު އަމުރު ނެރެފިއެވެ.
ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފްއާ ދެކޮޅަށް އަޒާން ދައުވާކުރީ އެ ނޫހުގައި މޫސަ، އަޒާންއާ ގުޅޭ ގޮތުން މިދިޔަ އޭޕްރީލް މަހުގެ 28ވަނަ ދުވަހު ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ.
އަދި އަޒާން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެ މައްސަލަ ބަލައި ނިމެންދެން އެ ލިޔުން އާންމުންނަށް ނުފެންނާނެ ގޮތް ހެދުމަށް އަމުރު ނެރެދިނުމަށް އެދިވަޑައިގެންފައެވެެ.
އަޒާންގެ އެދުމާ އެއްގޮތަށް ސިވިލް ކޯޓުން މިއަދު ވަނީ އެ އަމުރު ނެރެދީފައެވެ. އަދި އާޓިކަލް ދައުރުގެ ވެބްސައިޓުން ނަގަން ވެސް އަމުރުކޮށްފައެވެ.
"ދައުރު"އިން ވަނީ ކޯޓުގެ އަމުރާ އެއްގޮތަށް އެ އާޓިކަލް މިހާރު ނަގައިވެސްފައެވެ.
އަޒާން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ އަބުރަށް އަރައިގަތް ކަމަށް ކަނޑައަޅައި 5000ރުފިޔާ ނަގައިދީ އަދި ގާނޫނީ ވަކީލުންނަށާއި މައްސަލަ ރަޖިސްޓްރީކުރަން ހޭދަވި 28,670ރ. ނަގައިދިނުމަށް ވެސް އެދިފައެެވެ.
އެ މައްސަލައިގައި ދައުރު ނޫހުގެ އިތުރުން އެ ނޫސް ހިންގާ ކުންފުނި "ނެކްސްޓް މީޑިއާ ގްރޫޕް"އާ ދެކޮޅަށް ވެސް އަޒާން ވަނީ ދައުވާކޮށްފައެވެ.