ޚަބަރު

ފުލުހުންގެ ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ ޚިދުމަތް

ފުލުހުންގެ ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، 2026 ޖޫން 11ވަނަ ދުވަހުގެ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލުނު ކަމަށެވެ.

މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީމަރުކަޒުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުނެއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރާ ކަމަށާއި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ.

Ads by Allied Insurance