ޚަބަރު

މީދޫ ކައުންސިލްގެ ރައީސަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އީސީ)

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި މިއަދު ހެނދުނު އަލުން ވޯޓުލާން ފަށައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ސުހާ އިބްރާހީމް އަދި އެމްޑީއޭގެ ފަރާތުން މުޙައްމަދު ޝާހިދު ވާދަކުރައްވާ މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށާފައެވެ. ޖުމްލަ 1049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިޚާބުގައި، މީދޫގައި ދެ ފޮއްޓެއް ބަހައްޓާފައިވާއިރު، މާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދަރުމަވަންތަ ސްކޫލުގައި ވެސް އެއް ފޮށި ވަނީ ބަހައްޓާފައެވެ.

މިއަދު އަލުން ވޯޓުލުމެއް ބާއްވަން ޖެހުނީ، އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިޚާބާ ގުޅިގެން އުފެދުނު މައްސަލަތަކަކަށް ފަހު، ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެން ދެ ކެންޑިޑޭޓުންނަށް ވެސް 392 ވޯޓު ލިބި، ނަތީޖާ އެއްވަރުވުމުންނެވެ. އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ 393 ވޯޓާ އެކު ސުހާ އިންތިޚާބު ކާމިޔާބުކުރި ކަމަށެވެ. ނަމަވެސް، ލ. ފޮނަދޫގައި ހުރި ފޮއްޓަކަށް ޝަރުތު ހަމަނުވާ ފަރާތަކުން ވޯޓުލީ މައްސަލައަކާއި، ބާތިލު ވޯޓުތަކަކާ ގުޅޭގޮތުން ދެ ފަރާތުން ވެސް ހުށަހެޅުނު ޝަކުވާތަކެއް ބެލުމަށް ފަހު، އީސީން ފަހުން ނިންމީ ޝާހިދު މޮޅުވިކަމަށެވެ.

އެ ނިންމުމާ ގުޅިގެން ސުހާގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ވަނީ ސުހާއަށް ލިބުނު ކަމަށް ބުނާ ބާތިލު ވޯޓެއް (ދެލި ނޫން އެހެން އެއްޗަކުން ރޮނގު އެޅިފައިވާ ވޯޓެއް) ސައްހަ ކަމަށް ކަނޑައަޅައިފައެވެ. އެއާ އެކު މެއި މަހުގެ 14ވަނަ ދުވަހު ނަތީޖާ އެއްވަރުވެފައިވާކަން އިއުލާނުކުރަން ކޯޓުން އެންގީއެވެ.

މީގެ އިތުރުން، އިންތިޚާބީ މައްސަލަތަކާ ގުޅޭގޮތުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މ. ވޭވަށު ކައުންސިލްގެ ގޮނޑިއަކާ ގުޅިގެން ހައިކޯޓުން ދާދި ފަހުން ނިންމި ނިންމުމެއް ސުޕްރީމް ކޯޓުން ބާތިލުކުރުމެވެ. ވޯޓު ކަރުދާސްތަކެއްގައި ފާހަގަޖެހުމުގައި ހުރި މައްސަލަތަކަކާ ގުޅިގެން ހައިކޯޓުން ޕީއެންސީގެ ކެންޑިޑޭޓަށް ގޮނޑި ލިބޭނެކަމަށް ހުކުމްކުރި ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، އެމްޑީޕީގެ ކެންޑިޑޭޓަށް އަލުން އެ ގޮނޑި ކަށަވަރުކޮށްދީފައެވެ.