މުސްތަފާގެ އަޖައިބު ކުރުވަނިވި ކުރެހުންތަކުގެ ދަތުރު: މިފަހަރު މަންޒިލަކަށްވީ ރާއްޖެއިން ބޭރުގެ އެގްޒިބިޝަނެއް!

މުސްތަފާ އޭ ބުނުމުން އެއީ ސީދާ ކާކުކަން ނޭނގޭ މީހުން ފަހަރެއްގައި ތިބެދާނެއެވެ. ނަމަވެސް "ކުރަހާ މުސްތަފާ" އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މިހާރު މިރާއްޖޭގައި މަދުވާނެއެވެ.
ހދ. ކުޅުދުއްފުށްޓަށް އުފަން އުމުރުން 22 އަހަރުގެ މުސްތަފާ އަކީ އެކިކަހަލަ ކުރެހުންތައް ކުރެހުމުން އާއްމުންގެ މެދުގައި މަޝްހޫރުވެފައިވާ ހުނަރުވެރި ޒުވާނެކެވެ. މުސްތަފާގެ ކުރެހުންތަކުގެ ތަފާތުކަމާއި ރީތިކަން، އޭނާގެ ކޮންމެ ކުރެހުމަކުން ވެސް ދައްކުވައިދެއެވެ.
ރާއްޖޭގައި އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ މުސްތަފާ، އޭނާގެ ކުރެހުމުގެ ޙަޔާތް ކުރު ގޮތަކަށް "ދެން"އާ ހިއްސާ ކުރަމުން ބުނީ ކުޑައިރުން ފެށިގެން ވެސް އޭނާއަކީ ކުރެހުމަށް ޝައުޤުވެރިކަން ހުންނަ، އެއިރުން ފެށިގެން ވެސް ކުރަހަމުން ދިޔަ މީހެއް ކަމަށެވެ.

"އާއިލާގެ ތެރެއިން ބައްޕަ ވަރަށް މިކަހަލަ ކަންކަމުގައި އުޅޭނެ އަަޅުގަނޑު ކުޑައިރު ވެސް. ސްކޫލުގައި އުޅުނު އިރުވެސް އާޓް ކޮމްޕެޓިޝަންތަކުގައި ބައިވެރިވަން ވަރަށް ގިނައިން. މީހުންނަށް އެއިރު ވެސް ކުރެހުންތައް ކަމުގޮސް، ރަނގަޅު ކޮމެންޓުތައް ވެސް ދޭން ފެށުމުން އެނގުނީ ކުރެހޭނެކަން" މުސްތަފާ ކިޔައިދިނެވެ.
މުސްތަފާ ވަނީ ރާއްޖޭގެ ކުރެހުމުގެ އެކި މުބާރާތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން އެންމެ ފުރަތަމަ އެގޮތަށް އެގްޒިބިޝަނެއްގައި ބައިވެރިވީ 2017 ވަނަ އަހަރު "މޯލްޑިވިއަން އާޓްސް ކޮމިއުނިޓީ" ގެ ފަރާތުން ބޭއްވި އެގްޒިބިޝަނެއްގައެވެ. އެފަހަރުވެސް ވަރަށް ހޫނު ތަރުހީބެއް އޭނާގެ ކުރެހުމަށް ލިބުނެވެ.
އޭގުފަހުން 2019 ވަނަ އަހަރު ބޭއްވި އެގްޒިބިޝަނެއްގައި ބައިވެރިވިއެވެ. އެފަހަރު ފާޚާނާ ތައްޓެއް ދައްކުވައިދީފައިވީ ނަމަވެސް، އެކުރެހުމުގެ މާނަ ފުންކަމުން އެތައް ބައެއްގެ ތައުރީފާއި ސަނާ މުސްތަފާއަށް ލިބުނެވެ.
މިއަދު މުސްތަފާ މިވަނީ އެއަށްވުރެ ބޮޑު ކުރިއެރުމެއް ކުރެހުމުގެ ދާއިރާއިން ހާސިލު ކޮށްފައެވެ.
ރާއްޖެއިން ބޭރުގައި ބާއްވާ "ޔުނައިޓެޑް ނޭޝަންސް- ސިމްބަލް އޮފް ލައިފް، ފްރީޑަމް އެންޑް ހެޕިނެސް އިންޓަރ-ކޮންޓިނެންޓަލް އާޓް އެގްޒިބިޝަން" ގައި ފަޚުރުވެރިކަމާއެކު ރާއްޖެ ތަމްސީލު ކޮށްދޭނީ މުސްތަފާއެވެ.

އދ. ގެ 75 ވަނަ އެނިވާސަރީ ފާހަގަ ކުރުމުގެ ގޮތުން 193 ޤައުމަކަށް ހުޅުވާލައިގެން 216 އާޓިސްޓުން ބައިވެރިވާ މި އެގްޒިބިޝަނަކީ ރޫމޭނިއާގެ ރައީސް އެޗް.އީ ކްލައުސް ވާނަރ އިސްނަންގަވައިގެން ބާއްވާ އެގްޒިބިޝަނެކެވެ.
މިއެގްޒިބިޝަންގައި ބައިވެރިވުމަށް މުސްތަފާއަށް ފުރުސަތު ލިބުނީ މިއެގްޒިބިޝަންގެ ރައީސް ސްޓެފަން ބެލޮގް، ފޭސްބުކް މެދުވެރިކޮށް ވާހަކަ ދައްކައިގެންނެވެ.
"އަޅުގަނޑާއި ސުވާލުކުރީ ބައިވެރިވެވިދާނެތޯ. ދެން ކަންތައް ކުރަންވީ ގޮތް އަހައިގެން އެކަމަށް އޯކޭ ދިނީ. ކުރިން އޮތީ ނިއު ޔޯކް އަށް ގޮސް މިއެގްޒިބިޝަން ބާއްވާ ގޮތަށް. ނަމަވެސް ކޮރޯނާގެ ސަބަބުން އޮންލައިންކޮށް ބާއްވާގޮތަށް ހަަމަޖެހުނީ." މުސްތަފާ ކިޔައިދިނެވެ.
ކުލަ ފިހީގެ ނަލަ ކުރެހުންތައް ކުރަހާފައިވާ މުސްތަފާ، "މިނިވަންކަން" ރަމްޒުކޮށްދޭ މިއެގްޒިބިޝަނަށް ކުރަހާފައިވަނީ މާކަނާއަކާއި ކަކުންޏެއް ދައްކުވައިދޭ ވަރަށް ފުރިހަމަ ޑިޖިޓަލް އާޓް ކުރެހުމެކެވެ. މުސްތަފާ ބުނިގޮތުގައި ޑިޖިޓަލް އާޓު ވެސް އޭނާ ދަސްވީ އަމިއްލައަށެވެ.

"ޑިޖިޓަލްކޮށް ވެސް، އަދި ކުލަ ފިހިން ވެސް ކުރަހަން ދަސްކުރީ ހަމަ ކުރަހަމުން ގޮސް. ދެން ބައްޕަ އާއި އާއިލާގެ އެންމެން އަދި ރައްޓެހިންވެސް ވަރަށް ބުނެދޭ. ފާޑުކިޔާނެ ބައްޕަ ވެސް، ރަނގަޅު ކޮށްލަން ޖެހޭ ކަންކަން ބުނެދޭ. އެހެންވެ އެންމެ ބޮޑު ހިތްވަރެއް ވެސް ލިބެނީ އެމީހުން ފަރާތުން. އެއެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން" މުސްތަފާ ބުންޏެވެ.