ޚަބަރު

ފައްޔާޒުއާ މައްސަލައެއް ނުޖެހޭނެ، ބަހުގައި ހިފަހައްޓާނަން: ނަޝީދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އަންނަ ރިޔާސީ އިންތިހާބުގައި ފައްޔާޒު އިސްމާއިލަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ހިފަހައްޓަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކެމްޕެއިނުގައި ނަޝީދު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ބަދަލުގައި ބޭނުންފުޅު ވަނީ ހަގު ޖީލެއްގެ ލީޑަރަކު ވެރިކަން ކުރެއްވުމަށް ކަމަށެވެ. ނަޝީދު ހުންނަ ވާނީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން "މުގުލުގައި" ކަމަށެވެ.

ރޭ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ފައްޔާޒުއާ މެދު އެއްވެސް މައްސަލައެއް ޖެހިދާނެތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ފައްޔާޒުއާ މެދު މައްސަލައެއް ޖެހިދާނެ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ދެ ބޭފުޅުންގެ ވެސް ސިޔާސީ އުއްމީދުތަކެއް ހުންނަވާނެކަން ދެނެގަނެގެން މަސައްކަތް ކުރައްވަމުން ގެންދެވޭ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިކަމުގެ ހިޔާލީ ތަސައްވުރުތަަކެއް ނުވަތަ ހީތަކެއްގެ މައްޗަށް ވަރަށް ގިނަފަހަރު ވާހަކަތައް ފެތުރޭ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ބަހުގެ އިތުބާރު ނުހިފޭނެ ބަހެއް ވެސް ނޯންނާނެ ބުނެފައެއް. އަޅުގަނޑު ބޮޑަށް ބަލަނީ އަޅުގަނޑު ބުނާ އެއްޗެއްގައި އިތުބާރާ އެކު ހިފަހައްޓައިގެން ހުރެ ވޭތޯ," ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ތާއީދު އަބަދުވެސް ބޮޑުކޮށް އޮތް ނަޝީދުގެ ބާރު ޕާޓީގެ ތެރޭގައި ފަނޑުވެގެން ދިޔައީ، އިއްވާފައިވާ ޖަލު ހުކުމެއްގެ ސަބަބުން 2018ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވުނު ހިސާބުން އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދޫކޮށްލި ހިސާބުންނެވެ. ސޯލިހުގެ ވެރިކަމުގައި އެމްޑީޕީގެ ބާރު ސޯލިހަށް ފުރޮޅުނު ނަމަވެސް، އެ ވެރިކަން ނިމިގެން ދެ އަހަރު ފަހުން، މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބުކުރެއްވީ %69 ވޯޓުންނެވެ.