ސިޔާސީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުއިއްޒު، ބަދަލެއް ނާދޭ: ސައީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރު ސައީދު ރައީސް މުއިއްޒުއާއެކު--

2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެއަށް ބަދަލެއް ނާންނަކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި މިނިސްޓަރު މިރޭ ވިދާޅުވީ ޕީއެންސީގެ މެމްބަރުންނާއި ލީޑާޝިޕް، ޕީޖީ އަދި ޕާޓީގައި ހަރަކާތްތެރިވާ ހުރިހާބޭފުޅުންގެވެސް އޮތީ އެއް ވިސްނުމެއް ކަމަށެވެ.

އަދި ރައީސް މުއިއްޒު ދަނީ އެމަނިކުފާނު ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުން ކަމަށާއި އަދި ރާއްޖެއަށް ހަމަޖެހުން ގެނެސް ތަރައްގީއާއި ކުރިއެރުން ގެނައުމަށް ރައީސް މިތްނެތް މަސައްކަތްކުރައްވަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް އެ ކަންކަން ހަޖަމުކުރުމުގައި އިދިކޮޅު ބައެއް ފަރާތްތަކަށް ހަޖަމުނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިކަންކަން ހަޖަމުކުރުމުގައި ދަތިފުޅުވާ އިދިކޮޅު ބައެއް ފަރާތްތަކަށް ދަންނަވާލަން؛ ޕީއެންސީގެ 2028ގެ ރިޔާސީ ކެންޑިޑޭޓަކީ ހަމަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު. ޕާޓީގެ އެތެރޭގެ އިންތިހާބަކުން އެކަމަކަށް ބަދަލެއް ނާދޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުޢިއްޒުގެ ލީޑާޝިޕްގައި ޕީއެންސީ ދަނީ އިތުރަށް ފުޅާވެ ވަރުގަދަވަމުން ކަމަށާއި އަދި މުހިންމު ކުރިއެރުންތަކެއް ވެސް ޕާޓީން ހޯދާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށްވެ ކުރު މުއްދަތަކުން އެންމެ ގިނަ އިންތިހާބު ކާމިޔާބުކުރި ޕާޓީއަށް ވުމުގެ އިތުރުން މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަށް ވެސް ޕީއެންސީވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫއު މުޅި ރާއްޖޭގައި ހިންގައިދޭ ޕާޓީއަށްވެސް އެންމެ 2 އަހަރާއި 6 މަހުން ޕީއެންސީ ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް ޑރ މުޢިއްޒުގެ ގާބިލް ލީޑާޝިޕް މިވަރުން ޔަގީން ކަށަވަރު. ރާއްޖެއަށް މިވަގުތުވެސް އޮތް ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުން. އެއީ، އިދިކޮޅު ލީޑަރުންގެ ތެރޭގައި މިހާރު އުފެދިފައިވާ ޑިމޮކްރެޓްސް، އެމްޑީޕީ، ޕީއެންއެފް ކޯލިޝަންގައި ވެރިއެއްނުފެނޭ. ޗޮކުންދާތީ ފެންނަނީ. ތިޔަތަނުގައި އޮތީ ނަފްރަތާއި ކެހިވެރިކަން." މިނިސްޓަރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!