ޚަބަރު

ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ދުވަސްވީ ނިއުކްލިއަރ ޔުނިޓްތައް އިންޑިއާގެ ގްރިޑާ އަލުން ގުޅާލައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ނިއުކްލިއަރ ޕަވަރ ކޯޕަރޭޝަން އޮފް އިންޑިއާ ލިމިޓެޑް (އެންޕީސީއައިއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގައި މިހާރު އޮޕަރޭޓްކުރަމުންދާ އެންމެ ދުވަސްވީ ނިއުކްލިއަރ ޕަވަރ ޕްލާންޓް ކަމަށްވާ، އިންޑިއާގެ ތާރާޕޫރު އެޓޮމިކް ޕަވަރ ސްޓޭޝަންގެ ފުރަތަމަ ދެ ޔުނިޓް ވަރަށް ފުޅާ ދާއިރާއެއްގައި މަރާމާތުކޮށް ޒަމާނީ ފެންވަރަށް ގެނައުމަށްފަހު، އަލުން ކަރަންޓު އުފައްދަން ވަނީ ފަށާފައެވެ.

މަހާރާޝްތްރާގައި 1969 ވަނަ އަހަރު އިންޑިއާގެ ފުރަތަމަ ކޮމާޝަލް ނިއުކްލިއަރ ޕަވަރ ޕްލާންޓުގެ ގޮތުގައި ބޭނުންކުރަން ފެށި ތާރާޕޫރު 1 އަދި 2 އަކީ ބޮއިލިންގ ވޯޓަރ ރިއެކްޓަރ (ބީޑަބްލިއުއާރު) ޔުނިޓްތަކެކެވެ. ޖެނެރަލް އިލެކްޓްރިކް (ޖީއީ) އިން ޓާންކީ ކޮންޓްރެކްޓެއްގެ ދަށުން ބިނާކުރި މި ޔުނިޓްތަކުން ފުރަތަމަ 200 މެގަވޮޓް އިލެކްޓްރިކް (އެމްޑަބްލިއުއީ) ގެ ކަރަންޓު އުފެއްދި ނަމަވެސް، ފަހުން ވަނީ 160 އެމްޑަބްލިއުއީ އަށް ދަށްކޮށްފައެވެ. މީގެ ކުރިން 2005 އިން 2006 އަށް ހަ މަސް ދުވަހުގެ މަރާމާތެއް ކޮށްފައިވާ މި ދެ ޔުނިޓް، ބޮޑެތި މަރާމާތުތަކެއް ކުރުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން ހުރީ ނިއްވާލާފައެވެ.

އެޓޮމިކް އެނަރޖީ ރެގިއުލޭޓަރީ ބޯޑު (އޭއީއާރުބީ) އިން މިދިޔަ މަހު ހާމަކޮށްފައިވާ ގޮތުގައި، އެންޕީސީއައިއެލް އިން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތައް ނިންމާލުމާ ގުޅިގެން، ތާރާޕޫރު ޕަވަރ ޕްލާންޓުގެ 2 ވަނަ ޔުނިޓް އަލުން ހިންގުމުގެ ހުއްދަ މެއި 7 ވަނަ ދުވަހު ވަނީ ދީފައެވެ.

ރެގިއުލޭޓަރު ބުނެފައިވާ ގޮތުގައި މި މަރާމާތުގެ ތެރެއިން، ރިއެކްޓަރ ކޫލަންޓް ރީސާކިއުލޭޝަން ހޮޅިތައް ވަނީ ދަބަރު ނުޖަހާ ފެންވަރު ރަނގަޅު ސްޓެއިންލެސް ސްޓީލް ހޮޅިތަކަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ރިއެކްޓަރ ކޮންޓެއިންމަންޓް ފިލްޓަރޑް ވެންޓިންގ ސިސްޓަމް އަދި އޯލްޓަނޭޓް ކޫލިންގ ވޯޓަރ ސިސްޓަމްވެސް ގާއިމުކޮށްފައިވެއެވެ. ޔުނިޓް ނިއްވާލާފައި އޮތް ދިގު މުއްދަތުގެ ތެރޭގައި ރިއެކްޓަރުގެ ޕްރެޝަރ ވެސަލް ވެލްޑްތައް ފަދަ މުހިންމު ބައިތައް ޗެކްކޮށް، ޔުނިޓްގެ އުމުރު ބާކީ އޮތް މިންވަރު ވަނީ ވަޒަންކޮށްފައެވެ. އޭއީއާރުބީ އިން ބުނެފައިވަނީ "އާންމުކޮށް ކުރާ މެއިންޓެނެންސް އަދި ސަވޭލަންސް ޕްރޮގްރާމްތަކާއެކު މި ރިއެކްޓަރު ރައްކާތެރިކަމާއެކު އޮޕަރޭޓްކުރެވޭނެކަން އިވެލުއޭޝަންތަކުން ދައްކާ" ކަމަށެވެ.

މި ރެގިއުލޭޓަރުގެ ފަރާތުން ޓީއޭޕީއެސް (ތާރާޕޫރު އެޓޮމިކް ޕަވަރ ސްޓޭޝަން) ޔުނިޓް 2 އަށް ދީފައިވަނީ އިތުރު 10 އަހަރު ދުވަހު އޮޕަރޭޓްކުރުމުގެ ހުއްދައެވެ. މީގެ އިތުރުން، ޓީއޭޕީއެސް ޔުނިޓް 1 މަރާމާތުކުރުމަށްފަހު އަލުން ހިންގުމުގެ ހުއްދަ މިދިޔަ ޑިސެމްބަރު މަހު ދީފައިވާއިރު، އެ ޔުނިޓުން މިހާރު އަންނަނީ 160 އެމްޑަބްލިއުއީގެ ފުރިހަމަ ކެޕޭސިޓީގައި ކަރަންޓު އުފައްދަމުންނެވެ.

މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި އެންޕީސީއައިއެލް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދެ ޔުނިޓް އަލުން ގުޅާލުމަކީ އިންޑިއާގެ ނިއުކްލިއަރ ޕަވަރ ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން އެ ކުންފުނިން ފާހަގަކުރި ގޮތުގައި، "މިއީ އިންޑިއާގެ ފުރަތަމަ ނިއުކްލިއަރ ޕަވަރ ސްޓޭޝަންގެ ދެމެހެއްޓެނިވި ތަރިކަ ކަށަވަރުކޮށްދީ، ޓީމް އެންޕީސީއައިއެލްގެ ފަންނީ ގާބިލުކަމާއި ބުރަ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް" ކަމަށެވެ. އަދި ފާއިތުވި ފަސް ދިހަޔަކަށްވުރެ ގިނަ އަހަރު، ސާފު، އިތުބާރުހުރި އަދި ކާބަން މަދު ކަރަންޓު ފޯރުކޮށްދީގެން ގައުމުގެ ހަކަތައިގެ ރައްކާތެރިކަމާއި ތަރައްގީއަށް ޓީއޭޕީއެސް-1 އަދި 2 އިން ހިއްސާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން "އިންޑިއާގެ ނިއުކްލިއަރ ހަކަތައިގެ ދަތުރުގައި މި ދެ ޔުނިޓް ކާމިޔާބުކަމާއެކު ހިންގުމަކީ، އަމިއްލަ ގާބިލުކަމާއި، އިންޖިނިއަރިންގެ ފުރިހަމަކަމުގެ އިތުރުން ރައްކާތެރިކަމުގެ ސަގާފަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް" ކަމަށް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ސާފު އަދި ރައްކާތެރި ހަކަތައިގެ މުސްތަގުބަލަކާ ދިމާއަށް އިންޑިއާ މިސްރާބު ޖަހާފައިވާއިރު، ތާރާޕޫރަކީ އީޖާދީ، ވިލުންތެރި އަދި ފަންނީ ފުރިހަމަކަމުގެ ނަމޫނާއެއް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ބީޑަބްލިއުއާރު ޔުނިޓްތަކުގެ އިތުރުން، ތާރާޕޫރު އެޓޮމިކް ޕަވަރ ސްޓޭޝަން ސައިޓުގައި އިންޑިއާއިން ފަރުމާކޮށްފައިވާ ޕްރެޝަރައިޒްޑް ހެވީ ވޯޓަރ ރިއެކްޓަރ (ޕީއެޗްޑަބްލިއުއާރު) ގެ ދެ ޔުނިޓް ކަމަށްވާ ތާރާޕޫރު 3 އަދި 4 ވެސް އޮޕަރޭޓްކުރަމުން ދެއެވެ. މި ދެ ޔުނިޓް ގްރިޑާ ގުޅާލާފައިވަނީ 2005 އަދި 2006 ވަނަ އަހަރުއެވެ. ހަމައެހެންމެ، އިންޑިއާއިން ފަރުމާކޮށްފައިވާ ދެ ސްމޯލް މޮޑިއުލަރ ރިއެކްޓަރެއް (އެސްއެމްއާރު) ބިނާކުރުމަށްވެސް މި ސައިޓު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޕްރެޝަރައިޒްޑް ވޯޓަރ ރިއެކްޓަރ ޓެކްނޮލޮޖީއަށް ބިނާކޮށްފައިވާ 200 އެމްޑަބްލިއުއީގެ ބީއެސްއެމްއާރު-200 އާއި 55 އެމްޑަބްލިއުއީގެ އެސްއެމްއާރު-55 ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!