ދުނިޔެ

އިންޑިއާގެ މި ސްޓޭޓުން މަސައްކަތްކުރަނީ އެއްވެސް މީހަކު އެކަނިމާއެކަނި މުސްކުޅިވާން ނުޖެހޭނެކަން ކަށަވަރުކުރުމަށް

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ ޓީއޯ ޑޮމިނިކްގެ ދުވަސް އާންމުކޮށް ފަށަނީ އޭނާގެ ދަރިއަކަށް ފޯނުން ގުޅާލުމަށްފަހުގައެވެ. އޭނާގެ އެއް ދަރިއަކު އަވަށްޓެރި ކަރްނާޓަކާގައި ދިރިއުޅޭއިރު، އަނެއް ދަރިފުޅު ދިރިއުޅެނީ މެދުއިރުމަތީގައެވެ. ރަނގަޅު ވަޒީފާގެ ފުރުސަތުތައް ހޯދުމަށް އެ ދެ ކުދިންވެސް ރަށް ދޫކޮށް ދިޔަތާ އެތައް އަހަރެއް ވެފައިވާއިރު، ޑޮމިނިކް އާއި އޭނާގެ އަންހެނުން އެމްޖޭ މާތާ މިހާރު ދިރިއުޅެން ޖެހިފައިވަނީ އެކަންޏެވެ.

ދަރިންނާ ފޯނުން ވާހަކަދެކެވި، ސިއްހަތާއި މޫސުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުމުން ހިތްހަމަޖެހުން ލިބުނު ނަމަވެސް، ގޭތެރޭގެ ކަންކަމުގައި އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި ދަރިންނަށް އެކަން ކޮށެއް ނުދެވެއެވެ.

އިންޑިއާގައި އެންމެ ހަލުވިކަމާއެކު އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އަންނަ ކެރެލާގައި މިއީ މިހާރު އާންމު ހާލަތެކެވެ. ވަޒީފާއަށް މީހުން އެހެން ތަންތަނަށް ހިޖުރަކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ މުސްކުޅިން އުޅެންޖެހިފައިވަނީ އެކަނިވެރިކަމުގައެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންގެ ވެލްފެއާއަށް ޚާއްސަ ޑިޕާޓްމަންޓެއް މިދިޔަ މަހު ކެރެލާ ސަރުކާރުން ވަނީ އުފައްދާފައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ މުޅި އިންޑިއާގައިވެސް މިފަދަ ފުރަތަމަ އިސްނެގުމެވެ.

ކުރިން ކުދިންގެ އަޑުން ގުގުމާލާފައި އޮތް ގޭގައި މިހާރު ހިމޭންކަމާއެކު އިނދެ ޑޮމިނިކް ބުނީ، އެމީހުން މުޅިންވެސް ބަރޯސާވަނީ އަވަށްޓެރިންނަށް ކަމަށެވެ. އަދި ދަރިން އަންނަނީ ވަރަށް މަދުން ކަމަށާއި، ގާތުގައި އެހީތެރިވާނެ ތިމާގެ މީހަކު ނެތުމުން ކަންކަން ދަނީ އުނދަގޫވަމުން ކަމަށް އޭނާ ކިޔައިދިނެވެ. ކައިރީގައި އިން މާތާ ބުނި ގޮތުގައި އެކަނިވެރިކަމަކީ މުސްކުޅިވުމުގެ އެންމެ އާންމު އެއް ބަޔަށް މިހާރު ވަނީ ވެފައެވެ.

އެމީހުންގެ މި ވާހަކައަކީ ހަމައެކަނި އެކަކު ދެމީހަކަށް ދިމާވެފައިވާ ހާލަތެއް ނޫނެވެ. އިންޑިއާގައި ޒަމާނުއްސުރެ އުމުރުން ދުވަސްވީ މީހުން ދިރިއުޅެމުން އައީ ދަރިންގެ އަޅާލުމުގެ ދަށުގައެވެ. ނަމަވެސް ވަޒީފާއާއި ތައުލީމަށް އެހެން ސަރަހައްދުތަކަށް ދިއުން އާންމުވުމާއެކު، ޚާއްސަކޮށް ކެރެލާގައި މި އާދަ ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

އަލަށް އުފެއްދި ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. ރަތަން ކެލްކަރް ވިދާޅުވީ، އެ މުއައްސަސާގެ މައިގަނޑު އަމާޒަކީ މުސްކުޅިން މަރުކަޒުތަކަށް ފޮނުވުމުގެ ބަދަލުގައި އަމިއްލަ ގޭގައި އަދި މުޖުތަމައުއާއެކު މުސްކުޅިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މިގޮތުން ގޭގައި ދެވޭ ފަރުވާ ފުޅާކުރުމާއި، އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ޕްރޮފެޝަނަލް ކެއަރގިވަރުން ތަމްރީނުކުރުމާއި، މުސްކުޅިންނަށް ޚާއްސަ ޕާކުތަކާއި ޑޭކެއަރ ސެންޓަރުތައް ހެދުން ހިމެނެއެވެ. އަދި 'ސިލްވަރ އިކޮނޮމީ' ރޯޑްމެޕެއް އެކުލަވާލުމަށްޓަކައި ސްޓޭޓް ފެންވަރުގެ ސަރވޭއެއް ވެސް ކުރިއަށް ގެންދާނެއެވެ.

"މުސްކުޅިވުމަކީ މިހާރު ހަމައެކަނި ވެލްފެއަރ މައްސަލައެއް ނޫން، އެއީ ސިއްހަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ވަޒީފާއާއި މާލީ ޚިދުމަތްތަކާވެސް ގުޅިފައިވާ ކަމެއް،" ކެލްކަރް ވިދާޅުވިއެވެ.

ރިޒަރވް ބޭންކް އޮފް އިންޑިއާގެ ރިޕޯޓެއް ދައްކާގޮތުން 2036 ވަނަ އަހަރު އަންނައިރު ކެރެލާގެ އާބާދީގެ 22.8 އިންސައްތައަކީ 60 އަހަރުން މަތީގެ މީހުންނަށް ވާނެއެވެ. މިއާ ޚިލާފަށް މުޅި އިންޑިއާގެ ގައުމީ ނިސްބަތަކީ 14.9 އިންސައްތައެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ސިއްހީ ފަރުވާ ކުރިއަރައި އުމުރު ދިގުވުމާއެކު، އުފަންވާ ކުދިންގެ ނިސްބަތް ދަށްވުމެވެ. އަދި ގިނަ ބަޔަކު މެދުއިރުމައްޗާއި ޔޫރަޕަށް މަސައްކަތްކުރަން ދިއުމަކީވެސް މައިންބަފައިން އެކަނިވާން ދިމާވި ސަބަބެކެވެ.

މިކަމުގެ ސަބަބުން ބޭރުގައި އުޅޭ ކުދިންނަށްވެސް ނަފްސާނީ ބުރައަކާ ކުރިމަތިލާންޖެހެއެވެ. ސިޑްނީގައި ދިރިއުޅޭ ކެރެލާއަށް ނިސްބަތްވާ އައިޓީ ޕްރޮފެޝަނަލަކު ބުނީ، ގަވާއިދުން ފައިސާ ފޮނުވި ނަމަވެސް އެއީ ފުދޭވަރެއް ނޫން ކަމަށެވެ. ޚާއްސަކޮށް ސިއްހީ ކުއްލި ހާލަތްތަކުގައި ކައިރީގައި ނުހުރެވުމަކީ ފައިސާއިން ފޫބެއްދޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. މައިންބަފައިން ބަލިވި ދުވަސްވަރު ދުރުގައި ހުރެ ފޯނާއި ވީޑިއޯ ކޯލަށް ބަރޯސާވާން ޖެހުމުން ވަރަށް ބޮޑަށް ނިކަމެތިކަން އިހުސާސްވި ކަމަށް އޭނާ ކިޔައިދިނެވެ.

ކެލްކަރް ވިދާޅުވި ގޮތުގައި ކެރެލާގައި ޕެންޝަނާއި 'ވަޔޯމިތްރަމް' (ކޮމިއުނިޓީ ޕެލިއޭޓިވް ކެއަރ) ފަދަ ޕްރޮގްރާމްތައް ކުރިންވެސް އެބަހުއްޓެވެ. ނަމަވެސް މަދުވަނީ މި ހުރިހާ ކަމެއް ގުޅުވާލަދޭނެ އެއް ނިޒާމެކެވެ. އުމުރުން ދުވަސްވުމުން ކުރިމަތިވާ އެކަނިވެރިކަމަށް ހައްލެއް ހޯދުމަށް ވޮލަންޓިއަރ ނެޓްވޯކްތަކާއި ކޮމިއުނިޓީ ޕްރޮގްރާމްތައް ރާވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަމާޒަކީ ކެރެލާގެ އެއްވެސް މުސްކުޅިއަކީ ބާކީވެފައިވާ މީހެއްކަމުގެ އިހުސާސް ކުރަން ނުޖެހުން ކަމަށް ކެލްކަރް ވިދާޅުވިއެވެ.

ދިއްލީގެ އެޕޯލޯ ހޮސްޕިޓަލުގެ ޖެރިއެޓްރިކްސް ޔުނިޓުގެ އިސްވެރިޔާ ޑރ. ޕްރަސުން ޗެޓަރޖީ ވިދާޅުވީ، އެކަނި އުޅެންޖެހުމުން މުސްކުޅިންގެ މެދުގައި ބިރުވެރިކަން ބޮޑުވަމުން އަންނަ ކަމަށެވެ. އެމީހުން އެންމެ ކަންބޮޑުވަނީ ރޭގަނޑު ކުއްލިއަކަށް ބަލިވެއްޖެނަމަ ހޮސްޕިޓަލަށް ގެންދާނެ މީހަކާ މެދުގައެވެ. އިންޑިއާގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދޭ ޚާއްސަ ޑޮކްޓަރުން މަދުކަން ފާހަގަކުރައްވައި، ޑރ. ޗެޓަރޖީ ވިދާޅުވީ މިކަމަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަމުގެ ނިޒާމެއް ބޭނުންވާ ކަމަށެވެ.

ކެރެލާ ސަރުކާރުން މިއަހަރު އުމުރުން ދުވަސްވީ މީހުންގެ ވެލްފެއާއަށް 100 މިލިއަން ރުޕީސް (1.06 މިލިއަން ޑޮލަރު / 802,605 ޕައުންޑް) ކަނޑައަޅާފައިވާއިރު، މިއީ މަދު އަދަދެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ކެލްކަރް ވިދާޅުވީ މިއީ އިދާރީ ގާބިލުކަން އިތުރުކުރުމަށާއި ޕައިލެޓް ޕްރޮޖެކްޓްތައް ފެށުމަށް ހަމަޖެއްސި ބަޖެޓެއް ކަމަށާއި، ސަރުކާރުން މިކަން ދެކެނީ ދިގުމުއްދަތުގެ ތަރައްގީގެ އަމާޒެއްގެ ގޮތުގައި ކަމަށެވެ.

އަތުލްޔާ ސީނިއަރކެއަރގެ ސީއީއޯ ސްރީނިވާސަން ގޯވިންދަރާޖް ފަދަ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކަކުން ނުފުދޭނެއެވެ. ރެގިއުލޭޓް ކުރެވިފައިވާ ޕްރައިވެޓް ކެއަރ މާކެޓެއްވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 82 އަހަރުގެ ރިޓަޔަރޑް ސައިންޓިސްޓެއް ކަމަށްވާ އެމްއެސްއާރް ދޭވް ދެކެވަޑައިގަންނަވާ ގޮތުގައި، ސްވިޑަން ފަދަ ގައުމުތަކުން ނަމޫނާ ނަގައިގެން މުޖުތަމައުއާ ގުޅިގެން އުޅެވޭނެ ނިޒާމެއް ގާއިމުކުރަން ޖެހެއެވެ. ކާނާއާއި ސިއްހަތުގެ އިތުރުން އިންސާނުންނަށް މުވާސަލާތުކޮށް ގުޅުންބާއްވާނެ މާހައުލެއް ބޭނުންވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސަތުތައް ތަންފީޒުވަންދެން މަޑުނުކޮށް ޑޮމިނިކް އާއި މާތާ އަދިވެސް ބަރޯސާވަނީ އެމީހުންގެ އަވަށްޓެރިންނަށެވެ. މާތާ ބޭނުންވަނީ ވަރަށް އާދައިގެ ކަމެކެވެ؛ ގުޅާލުމުން އެހީވާން އަންނާނެ މީހެކެވެ. ކަނޑުތަކާއި އެތައް ގަޑިއިރުގެ ދުރުމިނުން އާއިލާތައް ވަކިވެފައިވާ މި ސްޓޭޓުގައި، އާ ޑިޕާޓްމަންޓަށް އެ އުންމީދު ފުރިހަމަކޮށްދެވޭނެތޯ އެއީ އަދި ޖަވާބު ނުލިބޭ ސުވާލެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!