ދުނިޔެ

ޕާކިސްތާނުގައިވާ އައިއެސްގެ ހާލިތަކަށް ބޮންއަޅައިފި ކަމަށް ތާލިބާނުން ބުނެފި؛ އިސްލާމްއާބާދުން 4 ޑްރޯން ވައްޓާލައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ޕާކިސްތާނުގެ ބަލޫޗިސްތާނާއި ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ހުރި އައިއެސް ޖަމާއަތުގެ ހާލިތަކަކަށް ވައިގެ ހަމަލާތަކެއް ދީފިކަމަށް އަފްޣާނިސްތާނުގެ ތާލިބާނުންގެ ސަރުކާރުން އަންގާރަ ދުވަހު ބުނެފިއެވެ.

އަފްޣާނިސްތާނުގެ ޓޯލޯ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ ހަމަލާދިން އަމާޒުތަކަކީ އަފްޣާނިސްތާނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ގެއްލުންދިނުމުގެ އޮޕަރޭޝަންތަކާއި ހަމަލާތައް ރޭވުމަށް ބޭނުންކުރަމުންދިޔަ ތަންތަނެވެ.

އެ ވުޒާރާއިން ބުނެފައިވަނީ މި ހަމަލާތަކަކީ ވަރަށް ސީދާކޮށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން އައިއެސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު، ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އަފްޣާނިސްތާނުގެ ފަރާތުން ބަލޫޗިސްތާނަށް ފޮނުވާލިކަމަށް ތުހުމަތުކުރެވޭ ހަތަރު ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ އިންޓަރ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އާ ހަވާލާދީ ޑޯން ނޫހުން ރިޕޯޓުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، "ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަނަލް ތައްޔާރީތަކުގެ މަތީ ފެންވަރު ދައްކުވައިދީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އައި ހަތަރު ޑްރޯން ވެސް ކާމިޔާބުކަމާއެކު ނައްތާލާފައިވާ" ކަމަށެވެ. އަދި "މި އަވަސް އަދި ހަރުދަނާ ފިޔަވަޅުގެ ސަބަބުން ދުޝްމަނުންގެ ރޭވުންތައް ކާމިޔާބުކަމާއެކު ނާކާމިޔާބުކޮށްލެވިފައިވާ" ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މިކަންކަން ހިނގާފައި މިވަނީ، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އިންޓެލިޖެންސަށް ބިނާކޮށް އެއްގަމު އޮޕަރޭޝަނެއް ފަށައި، ޓެރަރިސްޓުންގެ ހާލިތަކަށް ދިން އަމާޒު ހަމަލާތަކެއްގައި 29 ހަނގުރާމަވެރިން މަރާލާފައިވާކަމަށް ރިޕޯޓުކޮށްފައިވާތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ، ހަމަލާދިން ހާލިތަކަކީ މަނާކޮށްފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަށް ނިސްބަތްވާ ތަންތަން ކަމަށެވެ.

ޑޯން ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ތަރާރު ވިދާޅުވީ، މިއީ ފަހަކަށް އައިސް ޚައިބަރު ޕަޚްތުންޚުވާ އާއި ބަލޫޗިސްތާނުގެ އާންމުންގެ އިތުރުން ކަރާޗީގެ ސިންދު ރޭންޖަރސް ކޭމްޕަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ހޮނިހިރު ދުވަހު ކަރާޗީގައި ހުންނަ ސިންދު ރޭންޖަރސްގެ މައި މަރުކަޒަށް އަމާޒުކޮށް ދިންކަމަށް ބެލެވޭ ޖާނުންފިދާވުމުގެ ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ސިންދު ރޭންޖަރސްގެ ތިން އޮފިސަރުން ހިމެނެއެވެ. އަދި އިތުރު ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!