ސިޔާސީ

ރައީސް ފުރިހަމަ ތާއީދާ އެކު، ޕީއެންސީގެ ނައިބު ރައީސްކަމަށް ޝުޖާއު ވާދަކުރައްވަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު / ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްގެ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތާއީދާއި ރުހުމާ އެކު ވާދަކުރައްވާނެކަން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހާމަކުރައްވައިފިއެވެ.

މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ޝުޖާއު، މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2018ވަނަ އަހަރު ވެރިކަން ބަދަލުވުމާ ގުޅިގެން ޕާޓީގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ޕާޓީއާ ދުރަށް ވަޑައިގަތް ނާޒުކު ދަނޑިވަޅުގައި ވެސް، ގުޑުމެއްނެރި ރައީސް މުޢިއްޒާ އެކު ޕާޓީ ދިފާޢުކުރެއްވުމުގައި ސާބިތުވެ ހުންނެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އޮތް ދުވަސްވަރު އޭރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ރައްޔިތުންގެ ޙައްޤުގައި ކުރެއްވި ބުރަ މަސައްކަތްތަކަށް ޝުޖާއު އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ އިސްކަމެއް ދެއްވަނީ އާންމު މެންބަރުންގެ މަޞްލަޙަތަށެވެ. އަދި ޕާޓީގެ މެންބަރުންނާ ގާތުން ގުޅުން ބާއްވައި، އެފަރާތްތަކުގެ އުފަލާއި ހިތާމައިގައި ބައިވެރިވުމުގެ އިތުރުން، މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް އެންމެ އަޑުހަރުކޮށް ދިފާޢުކުރައްވާ އެއް ބޭފުޅަކީ އޭނާކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް މިހާރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝުޖާއު ވަނީ، ޤައުމު ހިންގުމުގެ ބޮޑު މަސްއޫލިއްޔަތާ އެކު ވެސް ޕާޓީގެ އެތެރޭގެ ކަންކަން ތަރުތީބުކުރެއްވުމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމަށް ތަޢުރީފުކުރައްވާފައެވެ. ކުރީގެ ޕީޕީއެމްގެ ވެރިކަމާ ޚިލާފަށް، މިހާރު ފެންނަމުންދަނީ ޕާޓީ ނިޒާމުގެ ތެރެއިން ވެރިކަންކުރަމުން ޕާޓީ ބާރުވެރިކުރުވާ މަންޒަރުކަމަށާއި، މިއީ އޭނާ ނުހަނު ބަލައިގަންނަ ސިޔާސަތެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!