ދުނިޔެ

އިންޑިއާގެ މާކެޓު ހޯދުމަށް ވިމްބަލްޑަން އިން އައިސްކްރީމާއި ބޮލީވުޑްގެ ލަވަތަކުގެ އެހީ ހޯދަނީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ކުޅިވަރުގެ ދުނިޔޭގައި ވިމްބަލްޑަން އަކީ ވަރަށް ޚާއްޞަ ގަދަރުވެރި މުބާރާތެކެވެ. ކުޅުންތެރިން ހުދުން ހެދުން އެޅުމާއި، ކޯޓު ކައިރީގައި އިޝްތިހާރު ކުރުން މަދުކުރުމާއި، ސްޓްރޯބެރީ އާއި ކްރީމް ފަދަ ޒަމާންވީ ސަގާފަތްތައް އެ މުބާރާތުގައި ހަރުކަށިކަމާއެކު ހިފަހައްޓައެވެ. ނަމަވެސް، ދުނިޔޭގެ އެންމެ ދުވަސްވީ ގްރޭންޑް ސްލޭމް މުބާރާތުން، ކްރިކެޓަށް ފޯރިހުންނަ އިންޑިއާގެ މާކެޓަށް ވަނުމަށްޓަކައި، މި އަހަރު ވަނީ އެ މީހުންގެ ބައެއް އާދަކާދަތައް ދޫކޮށްލައި، ޓެނިހަށް މާބޮޑު ސަމާލުކަމެއް ނުދޭ އިންޑިއާގެ އާންމުންގެ ހިތްތައް ފަތަޙަކުރުމަށް އައު ގޮތްތަކެއް ބޭނުންކޮށްފައެވެ.

މިގޮތުން ވިމްބަލްޑަންގެ މަޝްހޫރު ސްޓްރޯބެރީ އާއި ކްރީމް ވަނީ އިންޑިއާގެ ރަހަތަކާ ގުޅުވާލާފައެވެ. އެ މުބާރާތުން ވަނީ ދިއްލީގެ ތާރީޚީ ކުޅުފީ (އިންޑިއާގެ ސަގާފީ އައިސްކްރީމް) އުފައްދާ 'ކުރޭމަލްސް' އާއެކު ޕާޓްނަރޝިޕް ހަދާފައެވެ. މީގެ އިތުރުން، ރޮޖަރ ފެޑެރަރ ފަދަ ތަރިން ކޯޓު މަތީގައި ހަރަކާތްތެރިވާ މަންޒަރުތައް، 1990 ގެ އަހަރުތަކުގެ މަޝްހޫރު ބޮލީވުޑް ލަވަތަކާއެކު އިންސްޓަގްރާމް ރީލްތަކުގެ ގޮތުގައި ވަނީ އާންމުކޮށްފައެވެ. އަދި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންނާއި އިންފްލުއެންސަރުންނަށް ރޯޔަލް ބޮކްސްއިން ޖާގަދީ، އެމީހުންގެ މަޝްހޫރުކަމުގެ އެހީގައި މުބާރާތުގެ މަޤުބޫލުކަން އިތުރުކުރިއެވެ. ހަމައެހެންމެ، އިންޑިއާގެ އެކި ބަސްބަހުން ޑިޖިޓަލް ކޮންޓެންޓް އުފައްދައިގެން މާކެޓިންގ ކެމްޕެއިން ވަނީ ވަރަށް ބޮޑަށް ލޯކަލައިޒްކޮށްފައެވެ.

މި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނިކަމަށް ދައްކައެވެ. ފިރިހެނުންގެ ފައިނަލްގައި ޔެނިކް ސިނަރ އާއި އެލެކްސެންޑަރ ޒްވެރެވް ބައްދަލުކުރި މެޗު ކުޅެފައިވަނީ އިންޑިއާ ގަޑިން މެންދަމުން އަލިވިއިރު ކަމަށް ވިޔަސް، ގާތްގަނޑަކަށް 2.7 މިލިއަން މީހުން ލައިވްސްޓްރީމް މެދުވެރިކޮށް އެ މެޗު ބަލާފައިވެއެވެ. ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި އަހަރު އިންޑިއާގައި އެވްރެޖްކޮށް 853,000 މީހުން މުބާރާތް ބަލާފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. މެޗުތައް ސްޓްރީމް ކުރުމުގެ އެކްސްކްލޫސިވް ރައިޓްސް އޮންނަ 'ޖިއޯސްޓަރ' އިން ވަނީ ރަސްމީ ތަފާސްހިސާބުތައް ބީބީސީއާ ހިއްސާކުރުމަށް ދެކޮޅުހަދާފައެވެ.

ސްޕޯޓްސް ބްރޭންޑިންގ ތަޖުރިބާކާރު ދަރްޝަނާ ބައްލާ ބީބީސީއަށް ވިދާޅުވި ގޮތުގައި، ވިމްބަލްޑަން އިން އިންޑިއާގެ މާކެޓަށް ވަނުމަށް ކުރާ މަސައްކަތަކީ ވަރަށް ސްޓްރެޓެޖިކް މަސައްކަތެކެވެ. އިންޑިއާއަކީ ރީޗްއަށް ބަލާއިރު މިހާރުވެސް ވިމްބަލްޑަންގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އޯޑިއެންސެވެ. އަދި 36 އަހަރުގެ ތެރޭގައި 18 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ކުއާޓަރ ފައިނަލަށް ދަތުރުކުރި ފުރަތަމަ އިންޑިއާ ކުޅުންތެރިޔާ، އަރްނަވް ޕަޕާރްކަރ އާއެކު 2026 ވަނަ އަހަރަކީ ވެސް ވިމްބަލްޑަންއަށް މުހިންމު އަހަރަކަށް ވާނެއެވެ.

ބައްލާ އިތުރަށް ވިދާޅުވީ، އޭޓީޕީ އަދި އައިޓީއެފް ސަރކިޓްތަކުގައި ޒުވާން އިންޑިއާ ކުޅުންތެރިން ކުރިއަރަމުން އަންނަ މިންވަރު ފާއިތުވި ދިހަވަރަކަށް އަހަރުތެރޭގައި ނުފެންނަހާ ރަނގަޅު ކަމަށެވެ. އަދި ކްރިކެޓުގެ އިތުރުން ޕްރީމިއަމް އެހެން ކުޅިވަރުތައް ބަލާ މިންވަރު ވެސް އިންޑިއާގެ ޝަހަރުތަކުގައި ހަލުވިކަމާއެކު އިތުރުވަމުންދާ ކަމަށާއި، ސްޓްރީމިންގ ޕްލެޓްފޯމްތަކަށް މިފަދަ ނީޝް އޯޑިއަންސްތަކަށް އަމާޒުކުރުމުގެ ގާބިލުކަން ލިބިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވިމްބަލްޑަންގެ ހިންގާ އިދާރާ، 'އޯލް އިންގްލަންޑް ލޯން ޓެނިސް ކްލަބް' ގެ ޗީފް އެގްޒެކެޓިވް ސެލީ ބޯލްޓަން މީގެ ކުރިން ފައިނޭންޝަލް ޓައިމްސްއަށް ވިދާޅުވެފައިވަނީ، އެ މުބާރާތުގެ އޯޑިއަންސް ފުޅާކުރުމަށްޓަކައި އެމެރިކާއެކޭ އެއްފަދައިން އިންޑިއާއަކީ ވެސް މިހާރު "މައިގަނޑު އަމާޒެއް" ކަމަށެވެ. ކޭޕީއެމްޖީ އިން އަންދާޒާކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ކުޅިވަރު ދާއިރާ 12-14 އިންސައްތައިގެ ކޮމްޕައުންޑެޑް ރޭޓެއްގައި ކުރިއަރާނެއެވެ. މިއީ ދުނިޔޭގެ އެވްރެޖަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. އެހެންކަމުން ވިމްބަލްޑަން ފަދަ މުބާރާތްތަކުން އިންޑިއާގެ އާންމުންނާ ގުޅުން ބަދަހިކުރުމުގައި އެ މީހުންގެ ސަގާފަތާ ގުޅޭގޮތަށް ކަންކަން ރޭވުން މުހިންމެވެ.

ބައްލާ ވިދާޅުވީ، ދުނިޔޭގެ މާކެޓިންގ އަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލު ވިމްބަލްޑަންއަށް ދެނެގަނެވިއްޖެ ކަމަށެވެ. އެގޮތުން، އެކްސްކްލޫސިވިޓީ ނުވަތަ ޚާއްޞަކަން އަންނަނީ ދުރުހިލޭކަން ބެހެއްޓުމުން ކަމަށް ކުރިން ޕްރީމިއަމް ބްރޭންޑްތަކުން ގަބޫލުކުރި ނަމަވެސް، މިއަދު އެކަން ބިނާވަނީ އާންމުންނާ އޮންނަ ގާތްގުޅުމެއްގެ މައްޗަށް ކަން ބްރޭންޑްތަކަށް ވިސްނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކުޅުފީ ކޮލަބަރޭޝަނާއި، ޕަންޖާބީ، ތަމަޅަ އަދި ބޮލީވުޑް މިއުޒިކް ހިމެނުމާއި އިންޑިއާގެ ކްރިއޭޓަރުން ބޭނުންކުރުމަކީ އިންޑިއާ މީހުންނަށް ފަރިތަ ސަގާފީ ކަންތައްތަކެއް މެދުވެރިކޮށް ވިމްބަލްޑަން ތަޖުރިބާކުރުމުގެ ފުރުސަތު ދިނުން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

ޖަޖާބަރ ބްރޭންޑް ކޮންސަލްޓެންސީގެ ފައުންޑަރ އުޕާސްނާ ދާޝް ބީބީސީއަށް ވިދާޅުވި ގޮތުގައި، ގިނަ ޒުވާން އިންޑިއާ ރައްޔިތުންނަށް ވިމްބަލްޑަން އަކީ ޝައުގުވެރި ނަމަވެސް ވަރަށް ދުރުގައިވާ ކަމެއްގެ ގޮތުގައި އިހުސާސްކުރެވެއެވެ. އެހެންކަމުން މި "ސަގާފީ ދުރުކަން ކުޑަކުރުން" ވަރަށް މުހިންމެވެ. އޭނާ ވިދާޅުވީ ޒުވާން އޯޑިއަންސްތަކަށް ބައިނަލްއަގުވާމީ ހަރަކާތްތައް ފުރަތަމަ ފެންނަނީ ސޯޝަލް މީޑިއާއިން ކަމަށެވެ. އަދި ވިމްބަލްޑަންގެ ކެމްޕެއިން ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ވިމްބަލްޑަންގެ ދުނިޔެއަށް ވަނުމަށް އެދުމުގެ ބަދަލުގައި، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކެމްޕެއިންގެ ޒަރީއާއިން ކަސްޓަމަރުންގެ ދުނިޔެއަށް ވަންނަ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖިއޯސްޓަރ ފަދަ ސްޓްރީމިންގ ޕްލެޓްފޯމްތަކަށް ވެސް މި މުބާރާތަކީ އައު އޯޑިއަންސަކާ ގުޅުން ބަދަހިކޮށް، ހަމައެކަނި އެއް ކުޅިވަރަކަށް ބަރޯސާވުން ކުޑަކުރުމަށް ލިބޭ ފުރުސަތެކެވެ. މާލީ ގެއްލުންތަކަކާ ގުޅިގެން ޖިއޯސްޓަރ އިން 2024 އިން 2027 އަށް އައިސީސީއާއެކު ހަދާފައިވާ 3 ބިލިއަން ޑޮލަރުގެ ކްރިކެޓް ބްރޯޑްކާސްޓިންގ އެއްބަސްވުން އަލުން މުރާޖަޢާކުރަން މަސައްކަތްކުރަމުންދާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ އެއްބަސްވުން އަދިވެސް އޮތް ނަމަވެސް، މިފަދަ ޔަގީންކަން ނެތް ދަނޑިވަޅެއްގައި ޓެނިހަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަކީ ސްޓްރެޓެޖިކް ގޮތުން ބުއްދިވެރި ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ބައްލާ ވިދާޅުވީ ޖިއޯސްޓަރއަށް ޓެނިހުގެ ސަބަބުން އެންގޭޖްމަންޓް ކަލަންޑަރު ފުޅާވެ، މުއްސަނދި އޯޑިއަންސްއެއް ލިބި، ކްރިކެޓް ނޫން އެހެން ދާއިރާތަކުގެ އިޝްތިހާރުދޭ ފަރާތްތައް ޝައުގުވެރިކުރުވޭ ކަމަށެވެ. ކްރިކެޓުން ގިނަ ބައެއްގެ ސަމާލުކަން ލިބުނަސް، ޓެނިހުން ލިބެނީ ލަގްޒަރީ، އޮޓޯމޯޓިވް، ބޭންކިންގ، ފިންޓެކް، ފަތުރުވެރިކަން އަދި ޕްރީމިއަމް ކޮންސިއުމަރ ގުޑްސް ބްރޭންޑްތަކުން ވަރަށް ބޮޑަށް ބޭނުންވާ މުއްސަނދި، އިނގިރޭސި ބަހުން ވާހަކަދައްކާ ޝަހަރުތަކުގެ އޯޑިއަންސެކެވެ.

ދިއްލީގެ ސޯޝަލް މީޑިއާ އޭޖެންސީއެއް ކަމަށްވާ 'ބިންޖް ލެބްސް' ގެ ކޯ-ފައުންޑަރ އާރްޔަން އަނުރާގް ވިދާޅުވީ، މި ބްރޭންޑިންގ ކެމްޕެއިންތަކުން އުފެއްދި ޝައުގުވެރިކަން ދާއިމީ ގުޅުމަކަށް ބަދަލުކުރުމަށްޓަކައި، މުބާރާތް ނިމުމަށްފަހުވެސް ދެމިހުންނާނެ ގުޅުމެއް ވިމްބަލްޑަން އިން އުފައްދަން ޖެހޭނެ ކަމަށެވެ. މިއީ ހަމައެކަނި މުބާރާތަކާ ދިމާކޮށް ކުރާ ކަމަކަށް ވެއްޖެނަމަ، އޭގެ އަސަރު މާ ގިނަ ދުވަހަކަށް ނުދެމެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޝައުގުވެރިކަން ހަގީގީ ސަޕޯޓަރުންނަށް ބަދަލުކުރުމަށްޓަކައި، ބިންގާ ފެންވަރުގައި މަސައްކަތްކޮށް، މާކެޓަށް ކުރާ އިންވެސްޓްމަންޓްތައް ދަމަހައްޓަން ޖެހޭނެ ކަމަށް ދާޝް އިތުރަށް ވިދާޅުވިއެވެ.

ބައްލާ ވިދާޅުވި ގޮތުގައި، މިވަގުތު ދުނިޔޭގެ ބޮޑެތި ހުރިހާ ކުޅިވަރު ފްރެންޗައިޒްތަކުން އަންނަނީ ވިމްބަލްޑަންގެ މި ތަޖުރިބާއަށް ފާރަވެރިވަމުންނެވެ. އިންޑިއާގެ ސަގާފަތާ ގުޅޭގޮތަށް ކަންކަން ރާވައިގެން އެންގޭޖްމަންޓް އިތުރުކުރެވިއްޖެކަން ސާބިތުވެއްޖެނަމަ، އެފް-1، އެންބީއޭ، އެންއެފްއެލް، ޔޫއެފްސީ، ލަލީގާ އަދި ޕްރިމިއަރ ލީގުން ވެސް އިންޑިއާއަށް ޚާއްޞަ ކޮންޓެންޓް ސްޓްރެޓެޖީތައް އިތުރަށް ފުޅާކުރާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!