ޕީއެންސީގެ ކޮންގްރެސްގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ދެއްވި ދައުވަތެއްގެ ދަށުން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ގައުމީ ކޮންގްރެސްގެ ރަސްމީ ޖަލްސާގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރޭ ބައިވެރިވެވަޑައިގެންފިއެވެ.
މިއީ ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅަކު، އެހެން ސިޔާސީ ޕާޓީއެއްގެ މިފަދަ ބޮޑު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރެވެ. މި ޖަލްސާއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. ރައީސް ނަޝީދަކީ މީގެ ކުރިން، އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަތް ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްގެންދާ މި ކޮންގްރެސް ފައްޓަވައިދެއްވީ ރައީސް މުއިއްޒެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ އިތުރުން ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވާ މި ކޮންގްރެސްގައި، އެމްއެންޕީ އަދި އަދާލަތު ޕާޓީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސުން އިންތިހާބުކުރުމާއި، ޕާޓީގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން 67,579 މެމްބަރުންނާ އެކު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި މިވަގުތު އޮތީ ޕީއެންސީއެވެ. ނަމަވެސް އެ ޕާޓީން ހާމަކުރާ ގޮތުގައި މެންބަރުންގެ އަދަދު މިހާރު ވަނީ 70,000 އަށްވުރެ މައްޗަށް ގޮސްފައެވެ. މެމްބަރުންގެ އަދަދަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީއެވެ.