ޕީއެންސީގެ އައު ލީޑަރޝިޕަށް ހޮވުނު ބޭފުޅުން މަޤާމަށް އިޤުރާރުވެވަޑައިގެންފި
ޕީއެންސީގެ އަސާސީ ޤަވާއިދުގެ ދަށުން އެ ޕާޓީގެ ލީޑަރޝިޕަށާއި އެކި ގުނަވަންތަކަށް އަލަށް އައްޔަންކުރެއްވި ބޭފުޅުންނާއި އިންތިޚާބުވި މެންބަރުން، އެ ޕާޓީގެ ކޮންގްރެސްގެ ތެރެއިން ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައި މަޤާމުގެ އިޤުރާރުވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ހަފުލާގައި، ޕާޓީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ ގިނަ ބޭފުޅުންތަކެއް ވަނީ ހުވާކުރައްވާފައެވެ. މީގެ ތެރޭގައި ވަޒީރުންނާއި، މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ޕާޓީގެ މަތީ މަޖިލީހަށް ހޮވިވަޑައިގަތް މެންބަރުން ހިމެނެއެވެ.
ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން
ޕާޓީގެ ޗެއަރޕާސަން: ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
ޕާޓީގެ ނައިބު ރައީސް: ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް
ޕާޓީގެ ނައިބު ރައީސް: ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާޙު
ޕާޓީގެ ސެކްރެޓްރަރީ ޖެނެރަލް: މޫސާ ފަތުޙީ އާދަމް
ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް: މުޙައްމަދު ލަމްއާން
ހަޒާންދާރު: ޙުސައިން ފަޙުމީ
ޕާޓީއަށް އިންތިޚާބުވި 6 ނައިބު ރައީސުން
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސަޢުދާ
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
އިޤްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް
ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގައި ޕާޓީގެ ރައީސް އައްޔަން ކުރައްވާފައިވާ 7 މެންބަރުން
ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޒް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާސިރު
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢާލީ
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙައްމަދު ތަލާލް
ދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް
ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯގެ ތެރެއިން ޕާޓީގެ ރައީސް އައްޔަން ކުރައްވާފައިވާ 3 މެންބަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމް
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރު
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް
މި ހުރިހާ ބޭފުޅުންގެ އިތުރުން، ޕާޓީގެ އަންހެނުންގެ ރޫޙާއި ޒުވާނުންގެ ރޫޙުގެ އިސްވެރިންނާއި، ދާއިރާތަކާއި ސްޓިއަރިންގ ކޮމިޓީތަކަށް ހޮވިވަޑައިގަތް މެންބަރުން ވެސް ވަނީ އެބޭފުޅުންގެ މަޤާމުގެ ހުވާކުރައްވާފައެވެ.