ޕީއެންއެފްގެ މެންބަރުން އުނިކުރާކަމަށް ކުރާ ތުހުމަތުތައް އީސީއިން ދޮގުކޮށްފި
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އަށް ނޭނގި އެ ޕާޓީގެ ދަފުތަރުން މެންބަރުން އުނިކުރަމުންދާކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް، އެފަދަ ކަމެއް ކުރުމުގެ ފުރުސަތު މިހާރު ޤާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުމާއި ވަކިކުރުމަކީ މާޒީގައި ވަރަށް ބޮޑަށް ކުރިމަތިވި މައްސަލައަކަށް ވީނަމަވެސް، އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ޕާޓީތަކުގެ މެމްބަރޝިޕް ނިޒާމު މިހާރު ވަނީ 'އީ-ފާސް' އާ ގުޅާލެވިފައެވެ. އީސީން ބުނީ މިއީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ވަރަށް ދެފުށްފެންނަ ރައްކާތެރި ނިޒާމެއް ކަމަށެވެ. މި ޒަމާނީ ނިޒާމުގެ ތެރެއިން ކޮންމެ މީހަކަށްމެ، އެމީހެއްގެ އަމިއްލަ އީ-ފާސް އެކައުންޓު މެދުވެރިކޮށް ޕާޓީތަކާ ގުޅުމާއި ވަކިވުމުގެ ފުރިހަމަ ބާރު ލިބިދީފައިވާނެކަން އީސީގެ ބަޔާނުގައި ތަފްސީލުކޮށްދީފައިވެއެވެ. އެހެންކަމުން، މީހަކަށް ނޭނގި އޭނާ ހުރި ޕާޓީން ވަކިކުރުމުގެ އެއްވެސް އިޚުތިޔާރެއް އިލެކްޝަންސް ކޮމިޝަނަށް ވެސް އަދި އެހެން ތިންވަނަ ފަރާތަކަށް ވެސް ލިބިގެން ނުވާކަމަށް އެ އިދާރާއިން ކަށަވަރުކޮށްދެއެވެ.
ކަން މިހެން އޮތްއިރު، ރައްޔިތުންގެ މެދުގައި ކޮމިޝަނާމެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އަދި ނިޒާމަށް އޮންނަ އިތުބާރު ގެއްލޭގޮތަށް ޕީއެންއެފުން ފަތުރަމުންދާ ދޮގު ވާހަކަތައް އީސީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ހުރިހާ ފަރާތްތަކަކުން ވެސް ޒިންމާދާރުވުމަށް އެ ކޮމިޝަނުން ގޮވާލާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޕީއެންއެފަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން މަދު، ޤާނޫނީ އަދަދު ކިރިޔާ ހަމަވާ ސިޔާސީ ޕާޓީއެވެ. މީގެ އިތުރުން، މެންބަރުން މަދުވާ މައްސަލައިގައި އެ ޕާޓީން ވަނީ އީސީގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.
ޕީއެންއެފް ގައި މިހާރު 3000 މީހުން ހަމައެއް ނުވާނެ އަވަހަށް އުވާލާ.