އޭޑީކޭ ހޮސްޕިޓަލުގެ ފާޚާނާގައި ހުރި އަތް ހިއްކާ މެޝިނުތައް ވަގަށް ނަގައިފި
އޭޑީކޭ ހޮސްޕިޓަލުގެ ފާޚާނާގައި ހުރި އަތްހިއްކާ މެޝިންތައް ވަގަށް ނަގައިފިއެވެ.
އެމެޝިންތައް ވަގަށް ނަގާތަން ފެންނަ ވީޑިއޯއެއް އޭޑީކޭ ހޮސްޕިޓަލުން ވަނީ އާއްމުކޮށްފައެވެ. ވީޑިއޯ އިން ފެންނަނީ ދަބަހެއް އަަޅައިގެން ހުރި މީހަކު ގޮސް އެތަނުގެ ފާޚާނާއަށް ވަދެގެންދާ ތަނެވެ.
އެމީހާ ފުރަތަމަ ގޮސް ވަންނަނީ ފިރިހެނުންނަށް ޚާއްސަ ކޮށްފައިހުންނަ ފާޚާނާ އަށެވެ. އޭގެ ދެމިނެޓު ފަހުން އެތަނުން ނިކުމެގެން، އަންހެނުންނަށް ޚާއްސަ ކޮށްފައި ހުންނަ ފާޚާނާއަށް އެމީހާ ވަންނަތަން އެވީޑިއޯއިން ފެނެއެވެ. އަންހެނުންގެ ފާޚާނާއިން އޭނާ ނިކުންނަނީ ފަސް މިނެޓު ފަހުންނެވެ. އެއަށްފަހު ހޮސްޕިޓަލުން ނިކުމެގެން ދެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލުގެ ފާޚާނާ ތަކުގައި އަތް ހިއްކާ މެޝިންތައް ބެހެއްޓީ ވަރަށް ފަހުންނެވެ. މިއީ އެހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ބެހެއްޓި މެޝިނުތަކެއް ކަމަަށް ވެސް އެހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެކުރިން އޭޑީކޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި ސެނެޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލައެއް ވެސް ވަނީ ކުރިމަތިވެފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމަށް ސިއްހީ މާހިރުން ލަފާ ދެއްވާތީ ހުރިހާ ހޮސްޕިޓަލެއްގެ ވެސް އެކި ހިސާބުތަކުގައި ހުންނަނީ ސެނިޓައިޒާ ބަހައްޓާފައެވެ.