ޣާޒީ ބިލްޑިންގ ހުރި ބިމުގައި ތަރައްޤީކުރި ޕާކިންގ ހުކުރު ދުވަހު ހުޅުވާލަނީ
ކުރީގެ ޣާޒީ ބިލްޑިންގ ހުރި ބިމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ތަރައްޤީކުރި 370 އަށްވުރެ ގިނަ ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯން މި ހަފުތާގެ ހުކުރު ދުވަހު އާންމުންނަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
މިދިޔަ މާރިޗު މަހުގެ ތެރޭގައި އެ ވުޒާރާގެ ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުން ފެށި މި މަޝްރޫޢުގެ ދަށުން، އާންމުންގެ ސައިކަލުތަކުގެ އިތުރުން ފުލުހުންނާއި ސިފައިންގެ އުޅަނދުފަހަރަށް ޚާއްޞަ ޖާގަތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި ހަމައެކަނި ޕާކުކުރުމުގެ ބަދަލުގައި، ހިތްފަސޭހަކޮށްލައިގެން އިށީންދެ ތިބެވޭނެ އިންތިޒާމުތަކާ އެކު ކުޑަ ޕާކެއް ވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ފަރުމާކޮށްފައެވެ. އެ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ ޕާކިންގ ގޮޅިތަކުގެ ކުރެހުންތައް ފުރިހަމަކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ޒަމާންތަކެއް ވަންދެން ދައުލަތުގެ މުހިންމު އިދާރާތަކެއް ހިންގި ޣާޒީ ބިލްޑިންގ ބާވެގެން ތަޅާލާފައި ވަނީ ނިމިދިޔަ 2023ވަނަ އަހަރުގައެވެ. އޭގެ ފަހުން ވެސް ވަގުތީ ގޮތުން ޕާކުކުރަން ބޭނުންކުރަމުން އައި އެ ބިން، މިގޮތަށް ތަރައްޤީކުރުމަކީ ގިނަ އޮފީސްތަކަކަށް ޚިދުމަތް ހޯދަންދާ ފަރާތްތަކަށާއި މާލެއިން ފުރައިގެންދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ދާދިފަހުން އަމީނީމަގު ތަރައްޤީކޮށް ނިންމިއިރު ވެސް ވަނީ 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ސަރަޙައްދެއް ހަދާފައެވެ. މީގެ އިތުރުން، ވެހިކަލްތައް ގިނަވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން 7 ޕާކިންގ އިމާރާތެއް އެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ސޯސަންމަގާއި ހީނާމާގޭ ބިމުގައި އަޅާ އިމާރާތްތައް ހިމެނޭއިރު، މި މުޅި މަޝްރޫޢު ނިމުމުން ހަތަރު ފުރޮޅުލީ އުޅަނދަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދަށް 1000 ޖާގަ އަލަށް އުފެދިގެންދާނެއެވެ.