ޚަބަރު

ކައްޗަލަ އެކްސްޕޯޓު ކުރުމަށް 7 ކުންފުންޏަކަށް ކޯޓާ ދޫކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކައްޗަލަ އެކްސްޕޯޓު ކުރުމަށް 7 ކުންފުންޏަކަށް ކޯޓާ ދޫކުރުން / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މަގުސަދުގައި، ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ކައްޗަލަ ބޭރުކުރެވޭނެ މިންވަރު ކަނޑައެޅުމަށް ފަހު، މިކަމަށް ޝަރުތު ހަމަވާ ހަތް ފަރާތަކަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ކޯޓާ ދޫކޮށްފިއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)އިން ތައްޔާރުކުރި "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) ރިޕޯޓަށް ރިއާޔަތްކޮށް، ކުރިއަށް އޮތް 12 މަހަށް ކަނޑައަޅާފައިވާ ޖުމްލަ ކޯޓާއަކީ ހިއްކި ކައްޗަލައިގެ 10.95 ޓަނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2027ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހާ ހަމައަށް ރާއްޖެއިން މި ބާވަތް ބޭރުކުރުމަށް ސައިޓީސް ހުއްދަ ދޫކުރަމުން ގެންދާނީ އެންޑީއެފްގެ ނިންމުމާ އެއްގޮތަށް، މި އަދަދަށް ފެތޭ ގޮތަށެވެ.

މި ވިޔަފާރީގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކައްޗަލަ ޕްރޮސެސިންގ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލީ ފާއިތުވި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް "ކެޔޮޅު" ޕޯޓަލް މެދުވެރިކޮށެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވި ހަތް ކުންފުންޏެއްގެ ނަން ކަމާބެހޭ ވުޒާރާއިން މިހާރު ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.

ހުއިފިލަނޑާގެ ހާއްސަ ބާވަތެއް ކަމަށްވާ ކައްޗަލަ (ތެލެނޯޓާ އެނެކްސް)އަކީ އާބާދީ މަދުވަމުންދާކަން ފާހަގަކުރެވިގެން 2022ވަނަ އަހަރު ސައިޓީސް މުއާހަދާގެ ޖަދުވަލު ދޭއްގައި ހިމަނާފައިވާ ކަނޑުގެ ދިރުމެކެވެ. ބައިނަލްއަގުވާމީ މި މުއާހަދާގެ ދަށުން، މިފަދަ ބާވަތްތައް އެކްސްޕޯޓު ކުރެވެނީ އެ ގައުމެއްގެ ކަމާބެހޭ އިދާރާތަކުން އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އޭގެ ނަސްލަށް ގެއްލުން ނުވާނެ މިންގަނޑުތަކެއް އެކަށައެޅުމަށް ފަހުގައެވެ.