ޚަބަރު

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އީގަލް ހިލްސް ކުންފުންޏަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"ދަ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ"ގެ ނަމުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އިންޓަގްރޭޓެޑް މަޝްރޫއަކީ ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ. މިއާ އެކު، ގައުމުގެ އިގުތިސާދަށް 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ އިންވެސްޓްމަންޓެއް ވަންނާނެކަމަށް އަންދާޒާކުރެވޭއިރު، 54،000 އަށްވުރެ ގިނަ އާ ވަޒީފާ އުފެދިގެންދާނެއެވެ. އަދި މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި ވެސް އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

މާލެއިން ފުރައިގެން ލޯންޗެއްގައި 17 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގައި މި މަޝްރޫއު ހިންގާއިރު، މިއީ މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލު ހޯދުމަށް 1،100 އަށްވުރެ ގިނަ ހެކްޓަރުގެ ބިމުގައި ގާއިމުކުރާ ޒަމާނީ އީކޯ-ސިޓީއެކެވެ. މި އާ މަޝްރޫއުގެ ތެރެއިން ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ބައިނަލްއަގުވާމީ ހޮޓާތަކާއި ރިޒޯޓުތަކުގެ އިތުރުން، އަގުބޮޑު ބްރޭންޑެޑް ރެޒިޑެންސްތަކާއި ވެލްނަސް ސެންޓަރުތައް އަދި މަތީ ފެންވަރުގެ ފިހާރަތައް ތަރައްގީކުރާނެއެވެ.

ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލާ އައްބާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މުހައްމަދު އަލާ އައްބާރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖު ހަލީފާ އަދި މަޝްހޫރު ދުބާއީ މޯލް ބިނާކުރި އެމާރ ޕްރޮޕަޓީސްގެ ވެސް ބާނީއެވެ. އޭނާގެ އީގަލް ހިލްސް ކުންފުންޏަކީ އަލްބޭނިއާ، ޝާރްޖާ އަދި އަބޫދާބީގެ ލުލު އައިލެންޑް ފަދަ ތަންތަނުގައި ވެސް މިފަދަ ބިޔަ ވޯޓަރފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާ އެކު ހިންގަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.

މި ބިޔަ މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދީ މައިދާން ފުޅާކޮށް، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހޯދުނު ބޮޑު ކާމިޔާބީއެކެވެ. މީގެ ކުރިން ސަރުކާރުން ވަނީ މާލޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ދުބާއީގެ އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ވެސް މަސައްކަތްތަކެއް ފަށާފައެވެ.